ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް މާލީ އިދާރާތަކުންނާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާފައިވާ ލަފާގެތެރެއިން ހަމަ އެކަނި ފެނިގެން ދިޔައީ ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ބުނެފިއެވެ.

އަންނަ އަހަރަށް އިއްޔެ ފާސްކޮށްފައިވާ ބަޖެޓާ ބެހޭ ގޮތުން އެމްއާރުއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމުން ނިކަމެތި ދިވެހި ރައްޔިތުންނަށް ލިބޭ އާމްދަނީން ބޮޑުބައެއް ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ. އެގޮތަށް ހެދުމުން ރައްޔިތުން އިތުރަށް ނިކަމެތިވެ ފަގީރު ވެގެން ދާނޭ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ. އެގޮތުން ފުދުންތެރިކަން ކުޑަ ރައްޔިތުން ގެ އަތުންވެސް ގާތްގަނޑަކަށް -/640 ރުފިޔާ ޖީ.އެސް.ޓީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހުމަކީ އެމީހުންގެ އާންމު ހާލަތަށް އިތުރު ހީނަރުކަމެއް ލިބިގެންދާނެ ކަމެއްކަމުގައި ވެސް އެޕާޓީން ބުނެފައިވެއެވެ.

އެމްއާރުއެމުން ބުނެފައިވަނީ ދައުލަތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށްފައިވާތީ، ސަބްސިޑީ ދިނުން މުރާޖާ ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް ގޮވާލާކަމަށެވެ. ބަޖެޓު ތަންފީޒީ މަރުހަލާގައި ރާއްޖޭގެ މިހާރު އޮތް ދަރަނި ދައްކައި އަދި ރާއްޖޭގެ އިންފްލޭޝަން ކޮންޓްރޯލް ކުރެވޭނެ ގޮތާއި، ބޭރު ފައިސާ އިތުރަށް ހޯދޭނެ ގޮތްތައް ބަލައި، ބަޖެޓު ދެކޮޅު ޖެއްސުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

ލޯނުގެ ގޮތުގައި ފައިސާ ނެގުމުގެ ބަދަލުގައި، ފާއިތުވި އަހަރުތަކުގައި ދައުލަތުން ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފައިސާއާއި އަދި އެކިއެކި ސިނާއަތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދައި، ރައްޔިތުންނަށް ދޭ ސަބްސިޑީ ގެ ގޮތުގައި އަންދާޒާ ކޮށްފައިވާ ޚަރަދު އެފައިސާ އިން ހޭދަ ކުރުމަށްވެސް ވެސް އެމްއާރުއެމުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.