ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ރައީސުލް ޖުމްހޫރިިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީ އާ ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި ދެބޭފުޅުން މި މަޝްވަރާ ކުރެއްވީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އާ ސަފީރު ފަތްކޮޅު އެރުއްވުމަށްފަހު، ދެ ބޭފުޅުންވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މުޙައްމަދު ފައްޔާޒް ގިލާނީ އަށް މަރުހަބާ ވިދާޅުވެފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެ ގުޅުން ބިނާވެގެންދަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަޚްލާޤާއި، ޢަޤީދާމައްޗަށްކަމުގައި ދެބޭފުޅުން ވެސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.