ޗައިނާގައި މުޒާހަރާއަށް ނިކުތް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އާންމު ބުނާ ގޮތުން އެމީހުންނާއި ބެހޭ މައުލޫމާތާއި ތިބިތަން ހޯދުމަށް ފުލުހުން ދަނީ އެމީހުންނަށް ގުޅަމުންނެވެ. އެކަމަކު އެމީހުންގެ މައުލޫމާތު ފުލުހުން ހޯދީ ކިހިނެއްކަމެއް ނޭގޭ ކަމަށްވެސް މުޒާހަރާގައި އުޅުނު މީހުން ބުނެއެވެ.
ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިނިވަންކަމަށް ގޮވާލާ މުޒާހަރާތަކާއި މިނިވަންކަމުގެ ރޫހު ވަނީ އިތުރު ވެފައެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑެތި ސިޓީތަކުގެ މަގުތަކުގައި މުޒާހަރާތައް ދަނީ ވަރުގަދަވަމުންނެވެ. ޗައިނާގެ ޒުވާން ޖީލު ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ދަނީ ޗައިނާ ސަރުކާރަށް ކިޔަމަންތެރިވުމަށް ދެކޮޅު ހަދަމުންނެވެ. ޗައިނާގެ ރައްޔިތުންގެ މައްޗަށް ކޮމިއުނިސްޓް ޕާޓީގެ ކޮންޓްރޯލު ބޭނުން ނުވާ ކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ.
ޗައިނާގައި މީހުންގެ ހަރަކާތްތައް މޮނީޓާ ކުރަނީ މޮބައިލް ފޯނާއި ވީޗެޓް ބޭނުން ކޮށްގެންނެވެ. ވީޗެޓް އަޅާފައިވާ ފޯނުތައް އެވަގުތަކު ހަރަކާތްތެރިވާ ސަރަހައްދު ސެލްފޯނު ޓަވަރުގެ ސިގްނަލްގެ ޒަރީއާއިން ފުލުހުން ހޯދައި ގަނެއެވެ.
އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި ޝިންޖިއާންގެ ވެރިރަށް އުރުމްކީގައި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވުމުން ރުޅިވެރިކަން ފާޅުކުރުމަށް އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ ޝިއާރުތައް ގޮވާތަން ފެނެ އެވެ.
އެހެހންވެސް ކެމެރާތަކާއި ޑިޖިޓަލް ވަސީލަތްތަކާއި ވީޗެޓްގެ ޒަރީއާއިން މީހުންނަށް ފާރަލުން އާންމު ޗައިނާގައި ފާރަވެރިކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. ލޯކަލް އޮތޯރިޓީތަކުން ވަރުގަދަ ފިޔަވަޅުތައް އެޅުމުގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް މަޑުޖެހިފައިވާ ކަމަށް ސީއެންއެން އިން ބުނެ އެވެ.
ކޮވިޑް-19 ގެ ހަރުކަށި ހުރަސްތަކާ ދެކޮޅަށް ޗައިނާގައި ފުޅާދާއިރާއެއްގައި މުޒާހަރާ ކުރުމުން ދުނިޔޭގެ މާލީ ބާޒާރުތައް ހޯމަ ދުވަހު ދަށަށް ގޮސްފައި ވެއެވެ.
ޔޫރަޕްގެ މާކެޓްތައް ހުޅުވިފައިވަނީ އިންޑެކްސްތައް ދަށް ކޮށެވެ. ޗައިނާގެ ޝެންޒެންއާއި ޝެންހާއީގެ ބެންޗްމާކް ވެސް ފެށިފައި ވަނީ ދަށްކޮށެވެ.
ޝަންހާއީގެ މާލީ މަރުކަޒުން ފެށިގެން ވެރިރަށް ބެއިޖިންއާ ހަމައަށް ޗައިނާގެ އެންމެ ބޮޑު ސިޓީތަކުގައި ހަފްތާ ބަންދުގައި މީޙުންގެ މެދުގައި އާންމު ވެފައި އޮތީ ޝިންޖިއާންގައި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ވާހަތަކާއި ކޯވިޑް ޒީރޯއާ ދެކޮޅަށް ވާހަކަ ދެއްކުމާއި މިނިވަންކަމާއި ޑިމޮކްރަސީއަށް ގޮވާލުމުގެ ވާހަކަތަކާއި އެކަމަށް ބާރުދޭ ވީޑިއޯތަކެވެ.
ޗައިނާގައި މި ފެންނަ އެންމެ ފަހުގެ މުޒާހަރާތަކަކީ މީގެ ދިހަ އަހަރު ކުރިން ރައީސް ޝީ ޖިންޕިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާގައި ފެނިފައި ނުވާފަދަ މުޒާހަރާތަކެވެ.
މީހުން މުޒާހަރާ ކޮށްފައި ވަނީ ގިނަ މީހުން ޓެސްޓް ކުރުމާއި އާމްދަނީއަށް ހުރަސް އެޅޭ ފުރަ ބަންދުތަކާއި ހަރުކަށި ކަމާއެކު މީހުންނާ މުއާމަލާތު ކުރާ ބާރުވެރިންގެ އަމަލުތަކާ ދެކޮޅަށެވެ.
މުޒާހަރާ ކުރާ މީހުން ވަނީ ޝީ ޖިންޕިންއާ ދެކޮޅަށާއި ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް އަޑު އުފުލާފައެވެ.
މި ހަފްތާ ބަންދުގެ މުޒާހަރާތަކަށް ފަހު، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސެންސަރު ކުރުން އިންތިހާއަށް އިތުރު ވެފައި ވެއެވެ. ޗައިނާ މީސްމީޑިއާގައި ހަ މިލިއަން ޕޯސްޓް ސަރޗް ކޮށްގެން ބަލާއިރު ފެންނަނީ ވޯލްޑް ކަޕާއި ޗައިނާގެ ޖައްވީ ކާމިޔާބީތަކާ ބެހޭ އުފާވެރި ވާހަކަތައސް އާންމު ކަމަށެވެ.
އެނޫން އެހެން ވާހަކަތައް ވަނީ ސެންސަރު ކުރެވިފައެވެ.
މީހުން ވަނީ އެމީހުންނަށް ޚިޔާލު ފާޅު ކުރުމަށް ހައްގު ނުލިބޭ ކަން ރަމުޒު ކޮށްދިނުމުގެ ގޮތުން ހުސް ކަރުދާހާއެކު މުޒާހަރާއަށް ނިކުމެފައެވެ.