ޕާކިސްތާންގެ ސިފައިންގެ ވެރިޔާ ޖެނަރަލް ގަމަރު ޖާވިދު ބާޖްވާގެ ދައުރު ހަމަކުރައްވައި މިއަދު މަގާމުން މުސްކުޅިވެ ވަޑައގެންފިއެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ހުށަހެޅުއްވުމަށް ރައީސް އާރިފް އަލްވީ ވަނީ ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު އެމަގާމަށް އައްޔަން ކުރައްވާފައެވެ. ރޭޑިއޯ ޕާކިސްތާނުން ބުނާ ގޮތުގައި ޖެނެރަލް މުނީރަކީ ޕާކިސްތާން ސިފައިންގެ ކޮމާންޑާ ހަވާލުވެވަޑައިގަންނަވާ 17 ވަނަ ސިފައިންގެ އިސްވެރިޔާއެވެ.
މަގާމާ ޙަވާލު ވުމުގެ ރަސްމިއްޔާތުގެ ކުރިން ޖެނެރަލް ބަޖްވާ އާއި ޖެނެރަލް މުނީރު ވެސް ވަނީ ސިފައިންގެ މައި މަރުކަޒުގައި ހުންނަ ޝަހީދުންގެ ހަނދާނީ ބިނާގައި މާބޮނޑިއެއް ބާއްވަވައި ފާތިޙާ ވިދާޅުވެފައެވެ
ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް އައްޔަން ކޮށްފައިވާ ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ އިންޑިއާގެ ޕުލްވާމާގެ ޓެރަރިސްޓް ހަމަލާދިން ދުވަސްވަރު ސިފައިންގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޖެނެރަލެވެ. މާނައަކީ ޕާކިސްތާނުގެ އެންމެ އިސް އިންޓެލިޖެންސް އެޖެންސީގެ ވެރިޔާގެ މަގާމު އޭނާ އަދާކުރެއްވީ ދެގައުމުގެ ދެމެދުގައި އެތައް އަހަރަކަށް ފަހު އެންމެ ހޫނުގަދަކޮށް ބަދަލު ކުރެވުނު ހަމަލާތަކުގެ ދަނޑިވަޅުގައެވެ.
އިންޑިއާއިން ޕާކސްތާން ސަރަހައްދުގައި ދިން ހަމަލާގައި ވެއްޓުނު ބޯޓުން އަތުލައިގަތް ވިންގް ކޮމާންޑަރު އަބިނަންދާން ވަރްތަމަން ދޫކޮށްލުމަށް ދެ ފަރާތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ގުރުއާން ހިތުން ދަސްކޮށްފައިވާ އާސިމް މުނީރަކީ ދީނީ ފިކުރުގައި ހަރުކަށި ބޭފުޅެއްކަމަށްވެސް ސިފަ ކޮށްފައި ވެއެވެ. އަދި ކުރީގެ ސުޕްރީމް ކޯޓިގެ ފަނޑިޔާރު ޝައުކަތު އަޒީޒު ޕާކިސްތާންގެ ސިފައިންގެ ޖާސުސީ އިދާރާއަށް ފާޑު ވިދާޅުވުމުން އޭނާ މަގާމުން ދުރުކުރުމުގައިވެސް ޖެނަރަލް އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ.
ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ ޑެކަރޭޓެޑް ސިފައިންގެ އޮފިސަރެކެވެ. އަދި އޭނާއަކީ ރޭހުގައި ބައިވެރިވި މީހުންގެ ލިސްޓުގައި އޮތް އެންމެ އިސް ކެންޑިޑޭޓެވެ.
ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ވަނީ މަގާމުގެ މުއްދަތު ކުރީގެ ސަރުކާރުން އިތުރު ކުރުމަށްފަހު ހަ އަހަރުގެ ދައުރެއް ނިންމަވާފައެވެ.
ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަށް ވާރުތަވެވަޑައިގަންނަވާ މައްސަލަތަކަކީ ގައުމުގެ ސިޔާސީ ނިންމުންތައް ނިންމުމުގެ އޮނިގަނޑުގައި ސިފައިންގެ ދައުރާ މެދު ކުރެވޭ ބަހުސެވެ.
ޕާކިސްތާންގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެފައިވާ ވެރިން ތަކުރާރުކޮށް ވައްޓާލާ އަސްކަރީ ބަޣާވާތްތައް އާންމު ވުމުގެ ސަބަބުން ސިޔާސީ ވެރިންނާއި ސިފައިންނާ ދެމެދު ދެބަސްވުން އުފެދިފައި ވެއެވެ.
ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރަކީ ޕާކިސްތާންގެ އެންމެ ބޮޑު ތިން ޖާސޫސީ އިދާރާތަކުގެ ތެރެއިން ދެ އިދާރާގެ އިސްވެރިއަކަށް ހުންނެވި ހަމައެކަނި ސިފައިންގެ އިސް ޖެނެރަލެވެ.