ކޮވިޑް-19 ގެ ހާލަތުގައި ކުރިމަތިވި އިގްތިސާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާ އެކު އަމިއްލަ ކުންފުނިތަކުން ވެސް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި، "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ނުވަތަ ގޯސްވިޔަ ނުދިނުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅު ތަކަށް އަމިއްލަ ކުންފުނިތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމެއް ދެމި އޮންނަނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތެއްގެ މައްޗަށް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅިން އަމިއްލަ ކުންފުނިތަކުގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ހަފްލާގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަމްޖެހިފައިވާ ކަމަށާއި އެއީ ގޮންޖެހުންތަކެއް ވެސް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ. އެ ގޮތުން ކޯވިޑް-19ގެ ޙާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިހަފްލާގައި، ނާއިބު ރައީސް ވަނީ "ގޯލްޑް 100" މެގަޒިން ނެރެދެއްވައިފައެވެ. އޭގެ އިތުރުން ޙަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ސާލިހަށް އެމަނިކުފާނު ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.
"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
މި ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.