ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ވާދަވެރި އިރާން 0-1 އިން ބަލިކޮށް އެމެރިކާ ދެވަނަ ބުރުން ރޭ ޖާގަ ހޯދައިފިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެމެރިކާއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ކްރިސްޓިއަން ޕުލިސިކެވެ.

އިރާނުގައި އަސްކަރިއްޔާ އާއި އާންމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރުކޮށްފައިވާ އިރާން ޓީމުގެ ފުރަތަމަ ހާފުގައި ފެނުނީ ވަރަށް އާދައިގެ ފަރުވާ ކުޑަ ކުޅުމެކެވެ. މެޗް އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރަށް ދެވެން އޮތް އިރާންގެ ފަރާތުން ފުރަތަމަ ހާފުގައި އެއްވެސް ޖޯޝެއް ނުފެނުނެވެ. ބަދަލުގައި އެމެރިކާއިން ވަނީ ހަލުވި ކުޅުމެއް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެވަނަ ހާފުގައި އިރާނުން ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. އެންމެ ކުރިއަށް ކުޅެމުންދިޔަ ތަޖުރިބާކާރު ފޯވާޑް ޓަރޭމީއަށް ބޯޅަތައް ސަޕްލައި ކުރުމުގައި އިރާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ޓީމެއްގެ ގޮޮތުގައި އެމެރިކާއިން ޑިފެންސް ކުރުމަށް ދެއްކި ހިތްވަރެވެ.

މިއީ އެމެރިކާ، ވަރލްޑް ކަޕުގެ ދެވަނަ ބުރުން ޖެހިޖެހިގެން ޖާގަ ހޯދި 3 ފަހަރެވެ. އަނެއްކޮޅުން މުބާރާތުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް އިރާން އަނެއްކާވެސް މިވަނީ 2026 ވަނަ އަހަރުގެ ވަރލްޑް ކަޕަށް އިންތިޒާރު ކުރަން ޖެހިފައެވެ.

އިރާން އަތުން މޮޅުވުމާއެކު އެމެރިކާ ދެވަނަ ބުރަށް ދަތުރު ކުރީ 5 ޕޮއިންޓާއެކު މިގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މިގްރޫޕުގެ އެއްވަނަ ހޯދީ ރޭ ވޭލްސް 3-0 އިން ބަލި ކުރި އިންގްލެންޑެވެ.

ކުއާޓާފައިނަލުގައި އެމެރިކާ ނިކުންނަން ޖެހޭނީ ގްރޫޕް "އޭ" ގެ އެއްވަނަ ހޯދި ނެދަލޭންޑްސްއާ ދެކޮޅަށެވެ.