އިންޑިއާއިން 2023 ވަނަ އަހަރު ޖެނުއަރީ މަހު ބާއްވާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޝަރަފް ވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއަށް ދައުވަތު އަރުވައިފިއެވެ. 1950 ވަނަ އަހަރުން ފެށިގެން އިންޑިއާިއން ކޮންމެ އަހަރަކުވެސް ގައުމެއްގެ އިސްވެރިއަކަށް އެ ދުވަހުގެ މެހުމާނެއްގެ ގޮތުގައި ދައުވަތު ދެމުން ދެއެވެ. މި ފަހަރަކީ މިއީ މިސްރުގެ ރައީސަކު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މެހުމާނެއްގެ ގޮތުގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ދައުވަތު މިސްރުގެ އަލް ސީސީއަށް ޙަވާލުކޮށްދެއްވީ އޮކްޓޯބަރު 16 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރެވެ.

އިންޑިއާއިން ވަނީ އިންޑިއާއިން ބާއްވާ ޖީ20ގެ ރިއާސަތުގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވުމަށްވެސް ދައުވަތު ދީފައެވެ.

2018 ވަނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑްގައި 10 ގައުމުގެ އިސްވެރިން ހިމެނޭ މުޅި އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސީން) ގެ ހުރިހައި ލީޑަޝިޕް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 2020 ވަނަ އަހަރު ބްރެޒިލްގެ އޭރުގެ ރައީސް ޖައިރް ބޮލްސޮނާރޯ ވެސް ވަނީ ޝަރަފް ވެރި މެހުމާނަކަށް ވަޑައިގެންފައެވެ.

މީގެ ކުރިން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ (2015)، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން (2007)، ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ (2008) އަދި ފްރާންސުއާ އޮލާންޑޭ (2016) ވެސް ވަނީ ޝަރަފް ވެރި މެހުމާނުނގެ ގޮތުގައި ބައިވެރިވެ ވަޑަިއގެންފައެވެ.