އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނިކޮށެވެ. އެތަކެތި ފުލުހުން ހޯދާފައި ވަނީ ފަރީދީ މަގުގައި ހުންނަ އެފްޑީއައި ކައިރީ މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގެ ޑިކީގެ ތެރެއިންނެވެ.

އެގޮތުން ސީޕީ ހަމީދު ވިދާޅުވީ މި އޮޕަރޭޝަނުގައި 71 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

"އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވަން ކުރާ މަސައްކަތް ކުރިއަށްގެންދާނެ." ސީޕީ ވިދާޅުވިއެވެ.

https://twitter.com/M_Hameedh/status/1336322335620526080

ފުލުހުންގެ މީޑިއާ އޮފިސަރު އިއްޔެ ވިދާޅުވީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.