އަނިޔާގެ ސަބަބުން ފޯވާޑް ޖޯކުއިން ކޮއްރިއާ އާއި ވިންގަރ ނިކޯ ގޮންޒާލޭސް ޓީމުން ބާކީ ކުރަން ޖެހުމަކީ ޓީމަށް ލިބުނު ނިކަމެތިކަމެއް ކަމަށާއި އެކަމާ މިހާރުވެސް ދެރަވާ ކަމަށް އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗް ލިއޮނަލް ސްކޮލާނީ ބުނެފިއެވެ.
ސްކޮލާނީ މިހެން ބުނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިރޭ ޕޮލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުންނެވެ.
"ކޮއްރިއާ އާއި ނިކޯއާއެކު ޓީމަށް އިތުރު ވަރުގަދަ ކަމެއް ލިބޭ. އެދެކުޅުންތެރިން ނެތުމަކީ މިހާރުވެސް ދެރަވާ ކަމެއް. ފެންވަރުގެ ގޮތުން ކޮއްރިއާ އާއި ނިކޯ ނެތްތަން އުނދަގޫވާނެ. އެކަމަކު ކޯޗުގެ ޒިއްމާއަކަށް ވާނީ ބޭނުން ކުރެވެން ތިބި ކުޅުންތެރިން ލައިގެން ޓީމު ރަނގަޅު ފެންވަރެއްގައި ބޭއްވުން" އާޖެންޓީނާއަށް މިދިޔަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްދިން ކޯޗް ސްކޮލާނީ ބުންޏެވެ.
ކޮއްރިއާ އާއި ނިކޯ ސްކޮޑުން ވަކިކުރީ ކުޅުންތެރިންގެ މެޑިކަލް އާއި ފިޓްނަސް ޓެސްޓްތައް ހެދިއިރު ފާސްނުވުމުންނެވެ. ސްކޮލާނީ ބޭނުންވީ އަނިޔާގައި ނެތް ކުޅުންތެރިން ޓީމުގައި ހިމެނުމަށެވެ.
3 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައި އޮތް އާޖެންޓީނާއަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކަމާއެކު ކަށަވަރު ކުރެވެން އޮތީ ޕޮލެންޑް ބަލި ކޮށްގެންނެވެ. މިގްރޫޕުގެ އެއްވަނައިގައި ޕޮލެންޑް އޮތީ 4 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ސައުދީ އަރަބިއްޔާ އޮތީ 3 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި އެއްޕޮއިންޓާއެކު އޮތީ މެކްސިކޯއެވެ.
އާޖެންޓީނާ އާއި ޕްލޮންޑް ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.