ފްރާންސް 1-0 އިން ބަލިކޮށް ޓިއުނީޝިޔާއިން ސިހުން ގެނުވިނަމަވެސް ދެވަނަ ބުރުން ފުރުސަތު ނުލިބި މިފަހަރުގެ ވަރލްޑް ކަޕާ މިރޭ ވަކިވާން ޖެހިއްޖެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް އަދި ކެޕްޓަން ވަހްބީޚަޒްރީއެވެ. ޓިއުނީޝިޔާއިން ލީޑް ނެގުމާއެކު ފްރާންސުން ވަނީ، ބެންޗުގައި ތިބި އެޓީމުގެ ސްޓާރުން ދަނޑަށް ނެރެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

މެޗް ނިމެން ދަނިކޮށް ފްރާންސުން ފޯވާޑް އެންޓޯނިއޯ ގްރީޒްމަންގެ ލަނޑުން އެއްވަރުވެސް ކުރިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިގްރޫޕުން ދެވަނަ ބުރުން ޖާގަ ހޯދީ މިރޭ 1-0 އިން ޑެންމާކުގެ މައްޗަށް ކުރި ހޯދި އޮސްޓްރޭލިޔާ އާއި ފްރާންސެވެ. ދެގައުމަށްވެސް ލިބުނީ 6 ޕޮއިންޓެވެ. އެކަމަކު ލަނޑުގެ ތަފާތަކުން ކުރި ލިބެނީ ފްރާންސަށެވެ. ޓިއުނީޝިޔާއަށް ލިބުނީ 4 ޕޮއިންޓެވެ. ގްރޫޕް ފުލަށް ދިޔައީ އެއްޕޮއިންޓާއެކު ޑެންމާކެވެ.

ދެވަނަ ބުރުގައި ފްރާންސާއި އޮސްޓްރޭލިޔާ ވާދަ ކުރަން ޖެހޭ ދެގައުމު ކަށަވަރު ވާނީ މިރޭ ގްރޫޕް "ސީ" ގެ ދެމެޗް ނިމުމުންނެވެ.