ވަރލްޑް ކަޕް ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޭ އާޖެންޓީނާ އަތުން 2-0 އިން ބަލިވިނަމަވެސް، 1986 ގެ ފަހުން ފުރަތަމަ ފަހަރަށް ޕޮލެންޑުން ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މަޝްހޫރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ ޕޮލެންޑަށް ދެވަނަ ބުރުން ޖާގަ ލިބުން ވެގެންދިޔައީ މުޅި ޕޮލެންޑް ހެއްވާލަ ދިން ކަމަށެވެ.

ފުޓްބޯޅައިގައި ޕޮލެންޑުގެ އުފާވެރި ހަނދާންތައް ގުޅިފައި އޮތީ މާދުރު މާޒީއާއެވެ. ޕޮލެންޑުގެ ރަން ދުވަސްވަރަކީ 1974 އާއި 1990 ދެމެދެވެ. ޕޮލެންޑުން ވަނީ 1974 އަދި 1982 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ތިންވަނަ މަގާމް ހޯދާފައެވެ.

ޕޮލެންޑަށް ދެވަނަ ބުރުން ޖާގަ ލިބުނީ ގްރޫޕް "ސީ" ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޕޮއިންޓުގެ ގޮތުން މެކްސިކޯއާ ޕޮލެންޑް ވީއެއްވަރެވެ. ޕޮލެންޑަށް ފައިދާ އަދި ގެއްލުން ލަނޑެއްވެސް ނެތެވެ. މެކްސިކޯއަށް ގެއްލުން 1 ލަނޑު އެބައޮތެވެ. އަނެއްކޮޅުން މިއީ ފާއިތުވެދިޔަ 28 އަހަރުގެ ތެރޭގައި މެކްސިކޯއަށް ވަރލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ނުލިބި ރަށަށްދާން ޖެހުނު ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގައި ޕޮލެންޑަށް އޮތީ އުނދަގޫ މެޗެކެވެ. ދެވަނަ ބުރުގައި ޕޮލެންޑް ނިކުންނަން ޖެހޭނީ، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އަދި މިފަހަރުވެސް ތަށި އުފުލާލާނެ ކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާ ފްރާންސާ ދެކޮޅަށެވެ.