އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުނީއެވެ. ނޮވެމްބަރ 30 ވަނަ ދުވަހަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު އެމަގާމާ ހަވާލުވިތާ ވެސް 4 އަހަރު ފުރުނު ދުވަހެވެ. އޭނާ އެމަގާމާ ހަވާލުވުމަށްފަހު ވަނީ ނަތީޖާ ނެރެދެއްވައިފައެވެ.

ފާއިތުުވި 4 އަހަރު ދުވަހު އޭނާގެ މާލިމީކަމުގެ ދަށުން އެސްޓީއޯއިން ވަނީ މީގެ ކުރިން އެކުންފުނި ނުދެކޭފަދަ ކާމިޔާބީތަކެއް ވެސް ހާސިލް ކޮށްފައެވެ. އަދި އެ 4 އަހަރު ވެގެން ގޮސްފައިވަނީ ފައިދާ ބޮޑު 4 އަހަރަށެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި އެސްޓީއޯއިންވަނީ އެތައް ގިނަ މަޝްރޫއުތަކެއް ފަށައި، ރައްޔިތުންނާ ހަމައަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް ވެސް އަމްރުގެ މޭސްތިރި ކަމުގެ ދަށުގައި އެސްޓީއޯއިން ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ 4 އަހަރަކީ އެއްވެސް ރަށެއް ދާއިރާއެއް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ޚިދުމަތް ފޯރުކޮށްދިން އަހަރެވެ.

އަމްރުގެ މޭތިރި ކަމުގެ ދަށުން ކޮށްފައިވާ ފާހަގަ ކޮށްލެއްވޭ ބައެއް ކަންކަން:

  • ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުން. މިއީ ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެސްޓީއޯއިން ކުރި މުހިންމު މަސައްކަތެއް.
  • ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯގެ ފާމަސީ އެއް ހުޅުވުން.
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވުނު.
  • ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓިއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފެށުން.
  • އެސްޓީއޯގެ މުވައްޒަފުންނަށް 6 މަސްދުވަހުގެ މެޓާރނިޓީ ލީވް ދިނުމަށް ފާސްކުރުން.

މީގެ އިތުރުން ވެސް އެސްޓީއޯއިން ވަނީ ފާއިތުވި 4 އަހަރު އެތައް ކަމެއް ރައްޔިތުންނަށް ކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި މީހުން ބިނާކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. އެގޮތުން އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އެކުންފުނީން ވަނީ އާންމުންނަށް ފަހި ކޮށްދީފައެވެ. ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސަރ ދިފައިވެއެވެ. މީގެ އިތުރުން ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކުރެވުނެވެ. މި ޕްރޮގްރާމްގެ ދަށުން ރީޓޭލް ޚިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރެވޭނެއެވެ.

އޭގެ އިތުރުން 5 އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަރސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމުގެ އެއްބަސްވުމެެއްގައި ސޮއިކޮށްފައެވެ. މީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓަޕެއް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އެސްޓީއޯއިން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް ވެސް ބަހައްޓައިދީފައިވެއެވެ. 4 ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން އެކުންފުނީން ވަނީ ހދ. ކުޅުދުށްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ވެސް ހަދީޔާ ކޮށްފައެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ކޮވިޑް 19 ގެ ބިރުވެރި ހާލަތުގައި އެކުންފުނީން ރައްޔިތުންްނަށްޓަކައި ކޮށްދެއްވި ކަންކަމެވެ. އޭގެ ތެރޭގައި، ޚާއްސާ ބޭނުންތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނެވެ. އެ ޚިދުމަތް ވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔަކަށެވެ. އެކަމަށްޓަކައި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ އަމްރަށާއި ސީނިއާމެނޭޖުމެންޓަށާއި މުވައްޒަފުންނަށް އާމުންގެ ހިތްތައް ޝުކުރުން ފުރިގެންދިޔައެވެ. މީގެއިތުރުން އެކުންފުނީން ވަނީ އާއްމުންނަށް ފަސޭހަ ކޮށްދިނުމުގެގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް ހަޖައްސައިދީފައެވެ.

ކޮވިޑުގެ ބިރުވެރި ހާލަތުގައި:

  • 2020 ވަނަ އަހަރު މުޅި ދުނިޔެއަށް އާންމުވެގެން ދިޔަ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ވެސް އެކަމު ނޭދެވޭ އަސަރު އިންތިހާއަށް ކުރިއެވެ. އެ އުނދަގޫ ދުވަސްތަކުގައި ވެސް އެސްޓީއޯގެ ހީވާގި މުވައްޒަފުން ވަނީ އަމްރުގެ އިރުޝާދާއެކު ހުއްޓުމެއްނެތި ރައްޔިތުންނަށްޓަކައި ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ.
  • އެގޮތުން ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސް ތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް ލީސް އެސިސްޓެންސް ފޯރުކޮށްދުނުން.
  • ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓަޕެއް ކުރުމުއްދަތެއްގެ ތެރޭގައި ހަމަޖައްސައިދިނުން.
  • ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި ފޯރުކޮށްދިނުން.
  • ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އާލާތްތައް ހަރުކޮށް ދިނުން. މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއަކަށް.

ކޮވިޑްގެ ހާލަތުގައި ވެސް އެސްޓީއޯއިން ވަނީ އެކުންފުނީގެ ވިޔަފާރިތައް ހުއްޓުނަނުދީ ފުޅާ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ 2020 ވަނަ އަހަރުގެ މާރޗް މަހު އެކުންފުނީން ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް އުފެއްދުމެވެ. އެ ކުންފުނި އުފައްދައި އެ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިންގ ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެސްފައިވެއެވެ. ވިދިގެން އައި 2021 ވަނަ އަހަރު ނޮވެންބަރ މަހު އެމްވީ އެމްއެސްއެސް ގަލޭނާ ވަނީ މާލޭގެ ކޮމާޝަލް ހާރބަރަށް ބަނދަރުކުރެވިފައެވެ. މިއީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

އެ އަހަރު އެސްޓީއޯއިން ކޮށްފައިވާ ކާމިޔާބު އެއްކަމަކީ އޮންލައިން ޝޮޕިންގއަށް މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ސްޓޯރ ގެ ޚިދުމަތް ފެށުމެވެ. ފާއިތުވި 4 އަަހަރު އެސްޓީއޯގެ އެހީތެރިކަން އެހެން ކުންފުނިތަކަށް ވެސް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އެމްޓީސީސީއަށް ލުއިކޮށް ދެއްވުމުގެ ގޮތުން އެސްޓީއޯއިން މާފަަންނުގައި ބަސް ޓަރމިނަލެއް ގާއިމް ކޮށްދީފައެވެ. އޭގެ އިތުރުން އެ ކުންފުނީން ވަނީ މިނިސްޓްރީ އޮފް ހެލްތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލާންސް ރާއްގެ ގެނެސް އެކި ރަށްރަށަށް ފޮނުވައިދީފައެވެ.

ފާއިތުވި 4 އަަހަރު ކޮށްދެއްވި އިތުރު ބައެއް ކަންކަން:

  • ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރ ގާއިމުކުރުން.
  • ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތް ފެށުން.
  • އެގްރިސެންޓަރގެ ޒަރިއްޔާއިން ދިވެހި ދަނޑުވެރިންނަށް އެ ފަރާތްތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ލިބުމަށް މަގުފަހިވުން.
  • އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައި، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފެށުން.
  • ތިމާވެއްޓާއި ރައްޓެހި ސިމެންތި ތަޢާރަފްކުރުން.
  • މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ނިންމައި، އެސްޓީއޯއަކީ މި ނިންމުން ނިންމާފައިވާ ސަރުކާރުގެ ފުރަތަމަ ކުންފުނި ކަމަށްވުން.
  • އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ގެނެވުނު. މިފަދަ ބަދަލެއް އެންމެ ފަހުން ގެނެވިފައިވަނީ 2009 ވަނަ އަހަރު.
  • "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅުނު.
  • އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފަަށައި، ކޮލްސަންޓަންޓުންގެ ޓީމެއް މާލެ އައިސް ސަރވޭތައް ކުރިއަށް ގެންދެވުނު.
  • 2022 ވަނަ އަހަރު ފެށުނީ އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭން އަދި ސްޓްރެޓީޖިކް މެޕް، މުވައްޒަފުންނަށް ހިއްސާކުރުމަށް ބޭއްވުނު ހަފްލާއަކުން. މި ހަފްލާގައި 2022 ވަނަ އަހަރު ކޮންމެ ޑިޕާރޓްމަންޓަކަށް ކަނޑައެޅިފައިވާ ކޭ.ޕީ.އައިތައް ވަނީ ޕްރެޒެންޓްކޮށްދެވިފައި
  • އެސްޓީއޯއަކީ އޭ.ސީ.ސީއޭ އެޕްރޫވްޑް އެމްޕްލޮޔަރއެއްގެ ގޮތުގައި އޭ.ސީ.ސީ.އޭއިން ކަނޑައެޅުން.
  • ޔޫތު މިނިސްޓްރީއާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކުރުން.
  • ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޯޓަރީއެއް ގާއިމްކުރުން.
  • ޒަމާނީ ފެންވަރަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާރޓް ބަދަލުކޮށް، ސްޕޭސް ލީސިންގ ތަޢާރަފްކުރުން.
  • ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުން.

މުސްތަގުބަލް

އެސްޓީއޯ ހިންގުމާ ހަވާލުވެ ހުންނެވި ސީއީއޯ އަދި އެމްޑީއަކީ ޒުވާން ހަކަތައާއި ތަނަވަސް ވިސްނުމުގެ ބޭފުޅެކެވެ. ކުންފުންޏާގެން ދަުރުކުރަންވީ މިސްރާބު ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެކެވެ. ވިޔަފާރީގެ އުކުޅުތަކާއި ހުނަރުތައް ދެނެވަޑައިގެން ހުންނެވި ޚިޔާލު ތަނަވަސް ބޭފުޅެކެވެ. އޭޭނާގެ ޓީމަކީ މަސައްކަތްތެރި އުފެއްދުންތެރި ތަޖުރިބާކާރުން ހިމެނޭ ވަރުގަދަ ލަޝްކަރެކެވެ. މި ވަރުގަދަ ޓީމާއެކު އަމްރު މަސައްކަތް ކުރައްވަނީ ނަތީޖާ ނެރުމަށެވެ. އަމްރު އެކަން ކުރައްވާނެއެވެ. ނަތީޖޭ ނެރެދެއްވާނެއެވެ. އެސްޓީއޯގެ މުސްތަގުބަލް ފެންނަނީ ފާގަތިކޮށްނެވެ. އުޖާލާކޮށްނެވެ.