އިންގްލެންޑާއި ވޭލްސްގައި ދެމެހެއްޓެމުންއައި ނަޞާރާއިންގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ރަސްމީ ބޯހިމެނުމުން ދައްކައިފި އެވެ. ގްރޭޓް ބްރިޓްން، ޢާންމުނަމުންނަމަ އިނގިރޭސި ވިލާތުގެ އެންމެ މުހިންމު މި ދެބައިގައި ކްރިސްޓިއަނުންގެ އަދަދު މިހާރު ވަނީ 50 އިންސައްތަ އަށްވުރެ ދަށް ވެފައިކަން ތަފާސްހިސާބުން ކަށަވަރުވާ ކަމަށް، އޮފީސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނެ އެވެ.

މި ނޮވެމްބަރ 29 ވީ އަންގާރަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް، އައިބީ. ޓައިމްސްގެ ފަރާތުން، ޖީތެންދްރަ ޖޯޝީ ލިޔެ، އެ ނޫހުގައި ޝާއިޢުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުގައި، ކޮންމެ 10 އަހަރަކުން 1 ފަހަރު ނަގަމުން އަންނަ ބޯހިމެނުމުގެ ތެރެއިން، 2021 ގައި ނެގި ބޯހިމެނުމުގެ ނަތީޖާތައް، އޯ.އެން.އެސް އިން ޝާއިޢު ކުރަން ފަށާފައިވަނީ، ހިންދޫ ދީނަށްތަބާވާ ބޮޑުވަޒީރު ރިޝީ ސުނާކް، އެ ޤައުމު ހިންގުމާ ޙަވާލުވިތާ ހަފުތާއެއް ވީތަނާ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެ ޤައުމުގެ މުސްލިމުންގެ އާބާދީ ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ދައްކާ ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، އެއް ދީނަކަށް ތަބާވާ އެންމެ ގިނަ މީހުން ނިސްބަތް ވަނީ، ނަޞާރާ ދީނަށް ކަމަށާއި، ދެން އެންމެ ގިނައީ އެއްވެސް ދީނަކަށް ތަބާ ނުވާ މީހުން ކަން ތަފާސްހިސާބުން އެނގޭ ކަމުގައި ވެސް އޭނާ ބުނެފައި ވެއެވެ.

މި ކަމާގުޅޭ ގޮތުން ޔޯކްގެ ފާދިރީ ސްޓެފަން ކޮޓްރެލް ބުނެފައި ވަނީ، އެއީ މާ ބޮޑަށް ޙައިރާން ވާންޖެހޭ ކަމެއް ނޫން ކަމަށާއި، ނަޞާރާއިންގެ އަދަދު ދަށްވަމުން ދާތާ އެތަކެއް ދުވަސް ވެއްޖެ ކަމުގަ އެވެ. އޭނާ ބުނަނީ އެ ކަން އެހެން އޮތް ނަމަވެސް، ދިރިއުޅުމުގެ އަގުތައް އުފުލެމުން ދިއުމާއި، ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ދީނީކާނާ، ނުވަތަ ކެތްތެރިކަމާއި އީމާންތެރިކަން ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ. ހަމަ އެއާއެކު، މި ކަންކަމުގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް ކާބޯތަކެއްޗާއި ފިނިން ސަލާމަތްވާނޭ ތަކެތި ފޯރުކޮށްދޭނޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އޭނާއަކީ، އެންގްލިކަން ފައްޅީގެ ދެވަނަ ދަރަޖައިގެ ފާދިރީ އެކެވެ.

ހިއުމެނިސްޓް ޔޫކޭ ނަމަކަށް ކިޔާ ޖަމާޢަތުން މި ކަމާބެހޭ ގޮތުން ބުނަނީ، ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމުގައި، ކަން ހިނގަމުންދާ ގޮތުގެމައްޗަށް ރިޢާޔަތް ކުރަންޖެހޭނެ ކަމަށެވެ. އެ ޖަމާޢަތުގެ ޗީފް އެގްޒެކެޓިވް އެންޑްރޫ ކޮޕްސަން އިޝާރާތް ކޮށްފައި އެވަނީ، ދީނީ ސްކޫލްތަކަށް ކަންކަން ފަހި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާއި، އިނގިރޭސި ވިލާތުގައި ޒަމާނުއްސުރެ އުފެދި ދެމެހެއްޓެމުން އައި ޗާޗް އޮފް އިންގްލެންޑަށް ސަރުކާރުން ކުރާ މަދަދުގެ މައްޗަށެވެ. އެންޑްރޫ ކޮޕްސަން އިސްވެ ހުރެ ހިންގާ މި ޖަމާޢަތަކީ، ވަކި ދީނަކަށް ނިސްބަތް ނުވާ މީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް މަސައްކަތް ކުރާ ތަނެކެވެ.

އެންޑްރޫ މި ކަމާމެދު އިތުރަށް ފާޑުކިޔަމުން ބުނެފައިވަނީ، އިނގިރޭސި ވިލާތް ފިޔަވައި ދެން މި ފަދަ މިސާލެއް ފެންނަނީ އީރާނުން ކަމަށާއި، އެއީ ޤާނޫން ހެދުމަށް ދީނީ އިމާމުން ވޯޓް ދޭ ގޮތަށް ހަމަޖައްސާފައި އޮތުން ކަމަށެވެ. ވަކި ދީނަކަށް ތަބާނުވާ ސްކޫލެއްގައި ކްރިސްޓިއަން ދީނަށް އަޅުކަން ކުރުން ސްޓެންޑަޑައިޒްކޮށް، ލާޒިމުކޮށްފައިވާ އެއްވެސް އެހެން ޤައުމެއް (އިނގިރޭސި ވިލާތް ފިޔަވައި) ނެތް ކަމަށް އޭނާ ބުނެ އެވެ. އޭނާ އަދި ބުނެފައިވަނީ މި ބޯހިމެނުމުން ނަތީޖާއަކީ މުޖުތަމަޢުގައި ދީނުގެ ދައުރަކީ ކޮބައިކަން ދޭހަކޮށްދޭ އައު ހޭލައްވައިލުމެއް ކަމުގަ އެވެ.

އިނގިރޭސި ވިލާތާއި ވޭލްސްގެ 27.5 މިލިޔަން ނުވަތަ ޖުމްލަ އާބާދީގެ 46.2 އިންސައްތަ މީހުން ބުނެފައިވާއިރު، މިއީ 2011 ގައި ނެގި ތަފާސްހިސާބުގެ ނަތީޖާއާ އަޅައިބަލާއިރު، 13.1 އިންސައްތައިގެ ދަށްވުމެކެވެ. މިއާ ޚިލާފަށް އެއްވެސް ދީނަކަށް ތަބާނުވާ ނުވަތަ ނޯ ރިލިޖަން މީހުން އާބާދީގެ 37.2 އިންސައްތަ އަށް ވަނީ މައްޗަށް ޖެހިފަ އެވެ. އަދަދުގެ ގޮތުން ބަލާއިރު މިއީ 22.2 މިލިޔަން މީހުންނެވެ.

މުސްލިމުންގެ އާބާދީއަށް ބަލާއިރު އެއީ 3.9 މިލިޔަނެވެ. އިންސައްތަ އަކީ، 6.5 އެވެ. މިއީ ކުރީގެ ތަފާސްހިސާބާ އަޅައި ބަލާއިރު، 4.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެން އެންމެ ބައިބޯ ވެފައިވަނީ ހިންދޫންގެ އެވެ. އެއީ 1 މިލިޔަނެވެ. ސިކުންގެ އާބާދީ އުޅެނީ 52400 ގަ އެވެ. ބުދުދީނުގެ މީހުންގެ އަދަދު ވަނީ ޔަހޫދީންގެ އަދަދަށް ވުރެ އިތުރުވެފަ އެވެ. ޔަހޫދީންގެ އަދަދު 271000 ގައި އޮތް އިރު، ބުދުދީނުގެ މީހުންގެ އަދަދަކީ 273000 އެވެ.

ތަފާސްހިސާބުން ދައްކާ މި ޙަޤީޤަތާ ބެހޭ ގޮތުން ރިޕޯޓަރުން، ބޮޑުވަޒީރު ރިޝީ ސުނާކްގެ ތަރުޖަމާނާ ސުއާލު ކުރުމުން އޭނާ ބުނީ، ޔޫކޭ އަކީ ސިންދަފާތު ޤައުމެއް ކަމަށާއި، އެ ކަމަށް މަރްޙަބާ ކިޔާ ކަމަށެވެ. މީގެ ތެރޭގައި ދީނީ ސިންދަފާތުކަން ހިމެނޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ. ލިޒް ޓްރަސްގެ ކިބައިން ރިޝީ ސުނާކަށް ބޮޑުވަޒީރުކަމާއި، ކޮންޒަވެޓިވް ޕާޓީގެ ވެރިކަން ލިބުނީ މި އަހަރު އޮކްޓޯބަރ 24 ގަ އެވެ. އެއީ ހިންދޫން ދިވާލީ ފާހަގަ ކުރާ ދުވަހެވެ. ޖެހިގެން އައި ދުވަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ނުވަތަ ޑައުނިންގ ސްޓްރީޓް 10 ނަންބަރުގައި ބޭއްވި ފުރަތަމަ ރަސްމިއްޔާތަކީ ދިވާލީ ރިސެޕްޝަނެވެ. ކުރިން މާލީ ވަޒީރުކަން ވެސް ކޮށްފައިވާ ރިޝީ ސުނާކްގެ ކާފަމެންނަކީ އިންޑިޔާގެ ޕަންޖާބަށް އުފަން ބައެކެވެ. އެ މީހުން އިނގިރޭސި ވިލާތަށް ގޮސްފައިވަނީ އިރުމަތީ އެފްރިކާގައި އުޅުމަށްފަހު 1960 ގެ ތެރޭގަ އެވެ.

- މަޞްދަރު: ޖީތެންދުރަ ޖޯޝީ / އައިބީޓައިމްސް