ސައޫދީ އަރަބިއްޔާގައި ގްރޭޑް އެކަކުން ފެށިގެން އިނގިރޭސި ބަސް ކިޔަވައި ދިނުމަށް ނިންމައިފިއެވެ. ސައުދީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިގޮތަށް ނިންމީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ.

ސައޫދީ އަރަބިއްޔާއިން މަސައްކަތް ކުރަމުންދާ 2030ގެ މާރެސްގައި ހިމެނެނީ، ސައޫދީ މުޖުތަމައަކީ ފެންވަރު ހުރި، ވަށާ ޖެހޭ ތަޢްލީމެއް ލިބޭ، އުމުރުގެ ހުރިހައި މަރުޙަލާއެއްގައިވެސް އުނގެނެވޭ މުޖުތަމައަކަށް ހެދުމުގެ ތަސައްވުރެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑްގެ ފުރަބަންދުގައި ދުރުންދޭ ތަޢްލީމަށް ދަރިވަރުން ބަރޯސާވާން ޖެހުމުން ޅަފަތުގައި އިނގިރޭސިބަސް އުނގެނުމުގެ މުހިންމުކަން ވަނީ ފެނިގެން ގޮސްފައެވެ.

އިނގިރޭސި ބަހަކީ 186 ގައުމެއްގައި ބޭނުން ކުރާ ބަހެކެވެ. ދުނިޔޭގެ 85 އިން ސައްތަ ޑޮކިއުމެންޓާއި އީމެއިލާއި ވެބްސައިޓްގެ 98 އިން ސައްތަ ލިޔެވެނީ އިނގިރޭސި ބަހުންނެވެ. އެހެން ބަސްބަހުން ވާހަކަ ދައްކާ ނިސްބަތް އުޅެނީ ދޭއް އިންސައްތައިގައެވެ.

އިނގިރޭސި ބަހަކީ، ސްމާޓް ޑިވައިސްއާއި އާލާތްތަކުގެ ބަހެވެ.

ސައޫދީ 2030ގެ މާރެސްގައި ވަނީ ދުނިޔޭގެ އެންމެ ވާދަވެރި ކަމުގެ މިންގަނޑުކަމަށްވާ ގްލޯބަލް ކޮމްޕެޓިޓިވް އިންކޭޓަރގައި އެންމެ ފުރަތަމަ 10 ގައުމުގެ ތެރޭގައި ހިމެނުމެވެ.

ސައޫދީގެ ތަޢްލީމީ ނިޒާމްގެ ސްވޮޓް އެނަލިސިސްއެއް ހެދުމުން އެނގިފައި ވަނީ ސައޫދީ ޔުނިވަރސިޓީތަކުން ގުރޭޖުއޭޓްވާ ކުދިންނަކީ ހުނަރެއް ނެތް، ވަޒީފާގެ ބާޒާރުގެ ބޭނުންތައް ނުފުދޭ، އަދި އެކަމަށް ތައްޔާރު ކުރެވިފައިވާ ބައެއް ނޫން ކަމަށެވެ.

ސައޫދީ ތަޖުރިބާކާރުން ފާހަގަކޮށްފައިވާ ގޮތުން އިނގިރޭސި ބަސް ދަތުމަކީ، ގިނަ ވަޒީފާތައް އަދާކުރުމަށް ބޭނުންވާ ބަހެކެވެ. އަދި އިނގިރޭސި ބަސް ދަތުމުން އެމީހަކު ތަފާތު ސަގާފަތްތަކަށް ސިކުނޑި ހުޅުވި، ވިސްނުން ތަނަވަސް ވެގެން ދާކަމަށްވެސް މިފަރާތްތަކުން ފާހަގަ ކުރެއެވެ.