ރަސްމީކޮށް ޖީ20 ގެ ރިޔާސަތާ މިއަދުން ފެށިގެން އިންޑިއާއިން ހަވާލުވެއްޖެއެވެ. ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކުގައި ދުނިޔޭގެ އެޖެންޑާގައި ބައިވެރިވުމުގެ ތަފާތު ފުރުސަތެއް އިންޑިއާއާއި އިންޑިއާއިން ވަކާލާތު ކުރާ ދުނުޔޭގެ ދެކުނު ބިތުގެ ގައުމުތަކަސް ފަހިވެގެން ހިނގައްޖެއެވެ.
ޖީ-20 އަކީ ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 85 ޕަސެންޓާއި އަދި ދުނިޔޭގެ ވިޔަފާރީގެ 75 އަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ތަމްސީލުކުރާ ބައިނަލްއަގްވާމީ އިގްތިސާދީ ފޯރަމެކެވެ.
ޖީ-20 ގެ ރިޔާސީ ދައުރުގައި އިންޑިއާގެ އެކި ހިސާބުތަކުގައި ތަފާތު 32 ތަނެއްގައި ގާތްގަނޑަކަށް 200 ބައްދަލުވުން ބާއްވާނެ އެވެ. އަންނަ އަހަރު ބާއްވާ ޖީ-20 ސަމިޓަކީ އިންޑިއާ އިން ބާއްވާ އެންމެ މަތީ ފެންވަރުގެ ބައިނަލްއަގްވާމީ އެއް ޖަލްސާ ކަމަށް ވާނެކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.
މިމަހުގެ ކުރީކޮޅު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ ޖީ-20 ރިއާސަތުގެ ލޯގޯއާއި ތީމާއި ވެބްސައިޓް އާންމު ކޮށްދެއްވާފައެވެ. ލޯގޯގައިވާ ލޮޓަސް އަކީ އިންޑިއާގެ ގަދީމީ ތަރިކައާއި ސަގާފަތާއި ފިކުރު ރަމްޒުކޮށްދޭ އެއްޗެކެވެ.
އިންޑިއާގެ ޖީ-20 ގެ ރިޔާސަތު އަންނަނީ އިގްތިސާދީ ދަތިތަކާއި ހަލަބޮލި ދުވަސްވަރެއްގައި ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ދުނިޔެ ކުރިމަތިލަނީ ގަރުނަކު އެއްފަހަރު ދިމާވާ ދުނިޔޭގެ ބަލިމަޑުކަމާއި ކޯޅުންތަކާއި އިގްތިސާދީ ޔަގީންކަން ނެތް ޒަމާނަކާ ކަމަށެވެ.
މުހައްލިލުން ދެކެވަޑައި ގަންނަވާ ގޮތުގައި މިހާރުގެ މަލްޓިލޭޓަރަލް ޖަމާއަތްތަކުގެ ތެރެއިން އެންމެ ނަތީޖާ ނެރެދޭ އެއް ޖަމާއަތަކީ ޖީ20 އެވެ. އެ ޖަމާއަތުގެ ރިޔާސަތާ އިންޑިއާ އިން ހަވާލު ވުމަކީ ދުނިޔޭގެ މައިދާނުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އިންޑިއާ އުފެދުމުގެ އިޝާރާތެކެވެ.
ޖީ20 ގެ ރިޔާސަތާ އިންޑިއާއާ ހަވާލުވުމުގެ ދެ ދުވަސް ކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގެ ދެކުނު ބިތުގެ މިއަދުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އިންޑިއާގެ ރިޔާސަތު ބޭނުންކުރަން ނިއުދިއްލީން ބޭނުންވާ ކަމަށެވެ.
"އިންޑިޔާއިން ބޭނުންވަނީ ދެކުނުގެ ގިނަ ގައުމުތައް އެއްފަރާތްކޮށްފައިވާ ކަމަށް އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭތީ ޖީ20 ގެ ރިޔާސަތު ގިނަ ގޮތްގޮތުން ބޭނުންކޮށްގެން ދުނިޔޭގެ ދެކުނުގެ މިއަދުގެ މަސްލަހަތާއި ކަންބޮޑުވުންތައް ދައްކުވައިދޭ ގޮތަށް މަސައްކަތް ކުރަން" އޭނާ ވިދާޅުވިއެވެ.