ޗައިނާގެ ބިލިއަނަރު އަދި އީ-ކޮމާސް ޖަޔަންޓް އަލީބާބާގެ ބާނީ ޖެކްމާ ޓޯކިޔޯގެ މެދުތެރޭގައި ދިރިއުޅެމުން އަންނަތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާކަމަށް އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސް އިން ނެރުނު ރިޕޯޓެއްގައިވެ އެވެ. އެއް ޒަމާނެއްގައި ޗައިނާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާގެ މަގާމުގައި ހުންނެވި މާ އަވަށްޓެރި ޖަޕާނަށް ދިރިއުޅުން ބަދަލު ކުރެއްވީ، ޗައިނާ ސަރުކާރުން އެގައުމުގެ ޓެކްނޮލޮޖީ ދާއިރާއާއި އެންމެ ބާރުގަދަ ވިޔަފާރިވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމުން ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
މާ އާންމުންނަށް ގެއްލިގެން ދިޔައީ 2020 ވަނަ އަހަރު ޗައިނާގެ ގަވާއިދުތައް ހަދާ ފަރާތްތަކަށް ފާޑުވިދާޅުވެ، ދައުލަތުގެ ބޭންކުތަކުގައި ބޯދާ ވިސްނުމެއް އޮންނަ ކަމަށް ތުހުމަތު ކުރެއްވުމުންނެވެ. އެ ފާޑުކިޔުންތަކަށް ފަހު އޭނާގެ ބިޔަ ކުންފުނިތަކަށް ސަރުކާރުގެ ފިއްތުންތައް ކުރިމަތި ކުރިއެވެ.
ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން ޗައިނާގެ ރެގިއުލޭޓަރުން ވަނީ މާގެ އެންޓް ކުންފުނި މިދިޔަ އަހަރު 2.8 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. "ޗައިނާގައި ޓެކްނޮކްރެޓުންނާއި ބޮޑެތި ވިޔަފާރިތަކާ ދެކޮޅަށް ކޮމިއުނިސްޓް ޕާޓީގެ ބިރުދެއްކުމުގެ އުކުޅުތައް" ގެ ނަމުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބޮޑެތި ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކުގެ ބާނީންނަށް ބިރުދެއްކުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޗައިނާގެ ވިޔަފާރި ވެރިންގެ މެދުގައި ސަރުކާރަށް ފާޑު ކިޔުމަށް ބިރު ހީވެފައިވާ ކަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. ޗައިނާއިން ދާދި ފަހުން ވަނީ އަލީބާބާއާއި ޓެންސެންޓް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން ބޭނުންކުރާ ވަކި ކަންތައްތަކަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް ބަލައިގެން ޗައިނާގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ.