ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ހުޅަނގުގެ ގައުމުތަކުން ބޭނުން ކުރާ "ނަޖިސް ކެޕްޓަން ބޭންޑް" ނޭޅިގެން ބޮޑާ ހޭކި ޖަރުމަނު ރޭ ކޮސްޓަރިކާ އަތުން 4-2 އިން މޮޅިވިނަމަވެސް ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާޢު ކިޔައި ރަށަށް ދާން ޖެހިއްޖެއެވެ.

ޖަރުމަނު ކެޓީ، މިގްރޫޕް (ގްރޫޕް އީ) ގައި ދެން ހިމެނޭ ސްޕެއިނާއި ޖަޕާން ބައްދަލު ކުރި މެޗް ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލުމަށްފަހު ފަހަތުން އަރައި ޖަޕާނުން 2-1 އިން ކާމިޔާބު ކުރުމުންނެވެ. ފުރަތަމަ މެޗުގައި ޖަޕާނުން 2-1 އިން ޖަރުމަނުވެސް ބަލި ކުރިއެވެ.

މިގްރޫޕުގެ އެއްވަނަ ޖަޕާނުން ހޯދީ 6 ޕޮއިންޓާއެކުއެވެ. ޖަރުމަނާއި ސްޕެއިނަށް ލިބުނީ 4 ޕޮއިންޓެވެ. އެކަމަކު ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބުނީ ސްޕެއިނަށެވެ. ފުރަތަމަ މެޗުގައި ކޮސްޓްރިކާ އަތުން 7-0 އިން މޮޅިވި ސްޕެއިނަށް ފައިދާ 6 ލަނޑު އެބައޮތެވެ. ޖަރުމަނަށް ފައިދާ އޮތީ އެންމެ ލަނޑެކެވެ.

މިއީ 2014 ވަނަ އަހަރު ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ޖަރުމަނުން ޖެހިޖެހިގެން ވަރލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މިފަހަރު ގަތަރުގައި ވަރލްޑް ކަޕް ފެށުމުގެ ކުރިން، މެޗުތަކުގައި ބޭނުން ކުރާނީ "ނަޖިސް ކެޕްޓަން ބޭންޑް" ކަމަށް ހާމަ ކުރި ގައުމުތަކަކީ ޖަރުމަނު، ބެލްޖިއަމް، ވޭލްސް، ޑެންމާކާއި ނެދަލޭންޑްސް އަދި އިންގްލެންޑެވެ. މީގެ ތެރެއިން ފުރަތަމަ ބުރު ފަހަނަ އަޅައި ދެވުނީ ހަމައެކަނި ނެދަލޭންޑްސް އާއި އިނގިރޭސިންނަށެވެ.

މުބާރާތް ފެށުމުގެ ކުރިން ގަތަރުން ނިންމީ، އެގައުމުގެ ފަސްގަނޑުގައި އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް ބޭނުން ކުރާ އެއްވެސް އާލަތެއް ބޭނުން ނުކުރެވޭނެ ކަމަށާއި އެފަދަ އެއްޗެއް ބޭނުން ކުރާ ފަރާތެއްގެ އަތުން އެއެއްޗެއް އަތުލާނެ ކަމަށެވެ. ހުޅަނގުގެ ގައުމުތަކަށް މެޗުތަކުގައި "ނަޖިސް ކެޕްޓަން ބޭންޑް" އަޅަން ނުކެރުނީ، "ނަޖިސް ކެޕްޓަން ބޭންޑް" އަޅައިފިނަމަ ސީދާ ރަތްކާޑް ދައްކާނެކަން ފީފާއިން އިންޒާރު ދިނުމުންނެވެ.