ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް، ޖެހި ލަނޑުން އުރުގުއޭއަށްވުރެ ކުރި ހޯދައިގެން "ގްރޫޕް އެޗް" ގެ ދެވަނަ ޓީމުގެ ގޮތުގައި އޭޝިޔާ ބައްރުގެ ދެކުނު ކޮރެއާ ވަރލްޑް ކަޕުގެ ދެވަނަ ބުރުން މިރޭ ޖާގަ ހޯދައިފިއެވެ.
ގާނާ އަތުން އުރުގުއޭ 2-0 އިން މޮޅުވެ ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރުމާ ކައިރިއަށް ދިޔައެވެ. އެކަމަކު ދެކުނު ކޮރެއާގެ ހުވާން ހީ ޗަންގ މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން 2-1 އިން ޕޯޗުގަލް ކައިރީ ލީޑް ހޯދުމުން އުރުގުއޭއަށް މާޔޫސްކަން ވެރިވިއެވެ. ވަކިން ހާއްސަކޮށް އުރުގުއޭގެ ބެންޗުގައި އިނދެގެން ތަޖުރިބާކާރު ފޯވާޑް ލުއިޒް ސްއަރޭޒް ވަރަށް ބޮޑަށް ރުއިތަން ފެނުނެވެ.
ދެކުނު ކޮރެއާ އަތުން ބަލިވިނަމަވެސް މިގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ޕޯޗުގަލްއެވެ. ގާނާ އާއި އުރުގުއޭ އަތުން ޕޯޗުގަލް މޮޅުވެ 6 ޕޮއިންޓް ހޯދިއެވެ. ދެކުނު ކޮރެއާ އާއި އުރުގުއޭއަށް ލިބުނީ 4 ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި ގާނާ އޮތީ 3 ޕޮއިންޓާއެކުއެވެ.
ދެކުނު ކޮރެއާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ އުސްއަލިތައް:
ދެކުނު ކޮރެެއާއަށް ގްރޫޕުގެ ދެވަނަ ލިބުނީ ލިބުނު ޕޮއިންޓާއި ފައިދާ ލަނޑު އެއްވަރުވިނަމަވެސް، ކާމިޔާބު ކުރި ލަނޑު އުރުގުއޭއަށްވުރެ ގިނަ ވުމުންނެވެ. ވަރުގަދަ ފޯވާޑް ލައިނެއް އޮތް އުރުގުއޭއަށް 3 މެޗުން ކާމިޔާބު ކުރެވުނީ 2 ލަނޑެވެ. ދެކުނު ކޮރެއާއިން ތިން މެޗުގައި 4 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ.
ދެކުނު ކޮރެއާއަކީ މިފަހަރުގެ ވަރލްޑް ކަޕުުގެ ދެވަނަ ބުރުން ޖާގަ ހޯދި ތިންވަނަ ގައުމެވެ. އަނެއް ދެގައުމަކީ ޖަޕާނާއި އޮސްޓްރޭލިޔާއެވެ.
ދެވަނަ ބުރުގައި ދެކުނު ކޮރެެއާ އަދި ޕޯޗުގަލް ބައްދަލު ކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ މިރޭ ދަންވަރު ކުޅޭ ގްރޫޕް "ޖީ" ގެ ދެމެޗް ނިމުންނެވެ.