ފޯވާޑް ވިންސެންޓް އަބޫ ބަކަރ މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑުން ބްރެޒިލް 1-0 އިން ބަލިކޮށް ކެމަރޫނުން ވަރލްޑް ކަޕުގައި ރޭ ތާރިހީ މޮޅެއް ހޯދި ނަމަވެސް ގްރޫޕް ސްޓޭޖުން ކަޓައި ރަށަށް ފުރަން ޖެހިއްޖެއެވެ.

ދެވަނަ ބުރުގެ ޖާގަ ޔަގީން ވެފައި އޮތުމުން މިމެޗަށް ބްރެޒިލުން ނެރުނީ ފުރަތަމަ ދެމެޗުގައި ނެރުނު ފުރަތަމަ އެގާރައިގެ ބަދަލުގައި މުޅިން ތަފާތު އެގާރައެކެވެ. ރެޒާވް ގިނަ ކުޅުންތެރިންނާއެކުވެސް ބްރެޒިލުން ވަނީ މެޗް ޑޮމިނޭޓްކޮށްގެން ކުޅެ 21 ހަމަލާ އުފައްދައި ކެމަރޫންގެ ގޯލަށް 7 ހަމަލާ ފޮނުވާލާފައެވެ. ކެމަރޫނަށް ބްރެޒިލްގެ ގޯލަށް އަމާޒު ކޮށްލެވިފައި ވަނީ އެންމެ 3 ހަމަލާއެވެ. މީގެ ތެރެއިން ބްރެޒިލް ކޮޅަށް ލަނޑު ޖެހީ 92 ވަނަ މިނެޓުގައި އަބޫބަކަރ ފޮނުވާލި ހަމަލާއިންނެވެ.

ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރުމަށް އަބޫބަކަރު ޖާޒީ ބޭލުން ރެފްރީ އޭނާއަށް ރަތްކާޑް ދެއްކިއެވެ. ރަތްކާޑާއެކު ބަކުރު ދަނޑުން ފޭބީ ހިނިތުންވުމާއެކުއެވެ. މިލަނޑަށްފަހު މުޅި ކެމަރޫން ޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

މިއީ ވަރލްޑް ކަޕުގެ ތާރިހުގައި އެފްރިކާ ގައުމަކުން ބްރެޒިލް ބަލިކުރި ފުރަތަމަ ފަހަރެވެ. އެފްރިކާ ގައުމުތަކުން ވަނީ މީގެ ކުރިން ބްރެޒިލާ ދެކޮޅަށް 7 މެޗް ކުޅެ 7 މެޗުންވެސް ބަލިވެފައެވެ. މި 7 މެޗުގައި 20 ލަނޑު ބްރެޒިލުން ވަނީ އެފްރިކާ ގައުމުތައް ކޮޅަށް ކާމިޔާބު ކޮށްފައެވެ.

ކެމަރޫނަށް އެންމެފަހުން ވަރލްޑް ކަޕުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައި ވަނީ 1990 ގެ ވަރލްޑް ކަޕުގައެވެ. ބްރެޒިލަށް ބަލާއިރު އެގައުމުން މިވަނީ ވަރލްޑް ކަޕުގެ ހުރިހާ މުބާރާތެއްގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އަދި 1982 ގެ ފަހުން ބޭއްވި ކޮންމެ ވަރލްޑް ކަޕެއްގައި ބްރެޒިލް ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދީވެސް ބްރެޒިލެވެ.

ކެމަރޫން އަތުން ބަލިވިނަމަވެސް މިގްރޫޕުގެ އެއްވަ ހޯދީ ބްރެޒިލެވެ. ދެވަނައަށް ދިޔައީ ރޭ ސާބިއާގެ މައްޗަށް 3-2 އިން ކުރި ހޯދި ސްވިޓްޒަލޭންޑެވެ. ދެވަނަ ބުރުގައި ބްރެޒިލް ނިކުންނާނީ ދެކުނު ކޮރެޔާއާ ދެކޮޅަށެވެ. ސްވިޓްޒަލޭނޑް ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ބްރެޒިލާއި ކެމަރޫން ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://www.fifa.com/fifaplus/en/watch/3CtTvaZsk500quwd8JAoXP?cid=(p_go-box)(c_FIFAPlus)(sc_highlights)(ssc_)(da_)(co_)(cc_)&s_cid=(co_)(cc_)&c=(c_FIFAPlus)(sc_highlights)(ssc_)(cc_)&pid=(p_go-box)(ch_)(t_)