ޖަޕާނުގެ މިނިމަސް ކާން ޝައުގުވެރިވި މީހާ އުމުރުން 73 އަހަރުގައި މަރުވެއްޖެއެވެ. "ކޯބޭ ކެނިބަލް"'ގެ ނަމުން މަޝްހޫރު ޖަޕާނުގެ އިސޭ ސަގާވާއަކީ އަންހެނަކު މަރާލައިގެން އޭނާގެ މަސް ކެއިކަމަށް އިއުތިރާފްވި ގާތިލެކެވެ. އަދި އަންހެނުންގެ މަސް މީރުކަމަށް ބުނެ އޭނާ އެކަމަށް ހުންނަ ޝައުއުގުވެރިކަން ދުވަހަކުވެސް އޭނާ ސިއްރެއް ނުކުރެއެވެ.

ޕެރިސްގައި 1981 ވަނަ އަހަރު ސަގާވާ ވަނީ ނެދަރލެންޑްސްގެ އަންހެން ދަރިވަރަކު ގެއަށް ގެނަސްގެން ރޭޕްކޮށް އޭނާ މަރާލާފައެވެ. އަދި ތިން ދުވަސް ވަންދެން އޭނާގެ މަސްކަމުންވެސް ގެންދިޔައެވެ. ބާކީ ހުރި ގުނަވަންތައް އޭނާ ދިރިއުޅުނު ހިސާބުގެ ޕާކެއްގައި ވަޅުލާފައި ހުއްޓައި ފެނިގެން ފުލުހުން އޭނާ އަތުލައިގަތީއެވެ. ފްރެންޗު ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ ނިކަން މީރުކޮށް އެ އަންހެން ކުއްޖާގެ މަސްކެއި ކަމަށް އިއުތިރާފްވެފައެވެ.

ސަގާވާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. ގާތިލުގެ ޖަނާޒާގައި ބައިވެރވީ ހަމައެކަނި ގާތްތިމާގެ މީހުންނެވެ.

ސަގާވާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޝަރީއަތަށް މައްސަލަ ފޮނުވުމުން 1983 ވަނަ އަހަރު ފްރާންސްގެ މެޑިކަލް ތަޖުރިބާކާރުން ވަނީ އޭނާ ޝަރީއަތް ކުރުމަށް އެކަށީގެން ނުވާކަމަށް ބުނެފައެވެ. އަދި 1984 ވަނަ އަހަރު އޭނާ ޖަޕާނަށް ޑިޕޯޓް ކުރުމާ ހަމައަށް އޭނާ ހުރީ މޮޔައިންގެ ހަސްފަތާލެއްގައެވެ.

ސަގާވާ ފާޅުގައި އަންހެނުންގެ މިނިމަސް ކެއުމަށް އޭނާގެ ހުރި ޝައިގިވެރިކަން ފާޅުގައި ހާމަކޮށް އޭނާ ޑަޗް އަންހެން ކުއްޖާ ރޭޕްކޮށް ކައިލިގޮތް ފަޚުރުވެރިކަމާއެކު ކިޔައިދިން ނަމަވެސް ދުވަހަކުވެސް އޭނާގެ ޝަރީއަތް ކޮށްފައެއް ނުވެއެވެ. އޭނާ އުޅުނީ މިނިވަނެއްގެ ގޮތުގައެވެ.

ޖަޕާނަށް އައުމާއެކު ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ނިންމީ އޭނާގެ ބުއްދި ސަލާމަތުން ހުރިކަމަށެވެ. ނަމަވެސް އޭނާގެ މައްސަލައަކީ އޭނާގެ ޝަޚުސިއްޔަތުގައި ހުރި އާދަޔާ ޚިލާފު ނުކިއްސަރު ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ނިންމިއެވެ. އަދި އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯދަން ނުޖެހޭ ކަމަށްވެސް ނިންމި އެވެ.

ޖަޕާނުގައި އޭނާގެ ޖަރީމާގެ ޝަރިއަތް ކުރިއަށް ނުގެންދެވުނީ ފަރަންސޭސި ސަރުކާރުން އޭނާގެ މައްސަލާގެ ލިޔެލިޔުންތައް ޖަޕާނަށް ނުފޮނުވުމުންނެވެ. ފަރަންސޭސި މަސްއޫލުވެރިން ބުނެފައި ވަނީ އޭނާގެ މައްސަލަ ވަނީ ނިމި ފައިލު ކުރެވިފައި ކަމަށެވެ. އެޢާއެކު ގާތިލު މިނިވަންކަމާއެކު ދިރިއުލެމުން ދިޔައެވެ.

ސަގާވާ އޭނާގެ ޖަރީމާ ސިއްރު ނުކޮށް، އޭނާގެ ހުތުރު އަމަލުގެ މާލީ ފައިދާ ނަގައިގެން އިންޓަރވިއުތައްދީ ޑޮކިއުމެންޓްރީ ތަކުގައި ތަމްސީލުކޮށް ވާހަކަ ދައްކާފައި ވެއެވެ. އޭގެ ތެރޭގައި “އިން ދަ ފޮގް” ގެ ނަމުގައި އޭނާގެ ހަނދާންތަކާއި ޖަރީމާގެ ވާހަކައަށް ފޮތެއްވެސް އޭނާ ލިޔުނެވެ.

އޭނާގެ ޖަރީމާގެ ފަސްމަންޒަރުގައި ޖަޕާނުގެ މަޝްހޫރު އަދަބީ އެވޯޑް ކަމަށްވާ އަކުޓާގާވާ އިނާމު ލިބުނު ޖަޕާނުގެ ވާހަކަ ލިޔުންތެރިޔާ ޖޫރޯ ކާރާ ލިޔުނު “ސިޓީ ފްރޮމް ސަގާވާ-ކުން” ވާހަކވެސް ހިމެނެއެވެ.

ސަގާވާ ވަނީ ބަރަހަނާ އަންހެނުންގެ މަންޒަރު ދައްކާ މަޖައްލާތަކަށް އިންޓަރވިއުތައް ދީފައެވެ. އަދި ބަރަހަނާ ޕޯން ފިލްމުތަކުގައި ތަމްސީލުވެސް ކޮށްފައެވެ.

ސަގާވާ އޭނާގެ އެންމެ ފަހު އަހަރުތައް ހޭދަކުރީ އޭނާގެ ކޮއްކޮއާ އެކުއެވެ. ސްޓްރޯކެއް ޖެހިގެން އޭނާ އުޅުނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގިނަ ދވަސްތަކެއް ވަންދެން އޭނާއާއެކު ޑޮކިއުމެންޓްރީ ހަދަން އުޅުނު ބަޔަކު ބުނެފައި ވަނީ އޭނާއަކީ އަންހެނުންނަށް ނުރައްކާ ބިރުވެރި ފޫހި މީހެއް ކަމަށެވެ.