ޗައިނާ ކޮމިއުނިސްޓް ޕާޓީން ގެންގުޅުނު ކޮވިޑްގެ ހަރުކަށި ސިޔާސަތާ ދެކޮޅަށް މަގުތަކަށް ޒުވާނުން ނިކުމެ ކާމިޔާބު ކޮށްފިއެވެ. ކޮވިޑް-19 އަދިވެސް ބާރަށް ފެތުރެމުންދާ ޗައިނާގެ ސިޓީތަކުގެ ބައެއް ހިސާބުތަކުގައި ދަނީ ޒުވާނުންގެ މުޒާހަރާތަކަށް ފަހު ވައިރަސްގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބަދަލުތައް ގެނަސް ދޫތައް ދެމުންނެވެ.
އެގޮތުން ޓެސްޓު ކުރުމުގެ މަސައްކަތާއި ކަރަންޓީން އުސޫލުތަކަށް ލުއިތަކެއް ލިބެމުންދެއެވެ. މުޅި ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަތިވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މީހުން ގަނޑުކޮށް ޓެސްޓު ކުރުން މަދުކުރާނެ ކަމަށް ޗައިނާއިން އިއުލާން ކުރަން ނިންމާފައިވާ ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.
ކޮވިޑް-19ގެ މަސައްކަތްތައް ބަލަހައްޓަވާ ޗައިނގެ ވައިސް ޕްރިމިއާ ސަން ޗުންލާން ވިދާޅުވީ ކޮވިޑް-19 ގެ ބަލިޖެހުމުގެ ގާބިލްކަން މިހާރު ކުޑަވަމުން އަންނަ ކަމަށް ބުނެ ބައެއް ސިޓީތަކުން ވަނ މި ހަފްތާގައި ބައެއް ޑިސްޓްރިކްޓް ތަކުގައި ލޮކްޑައުންތައް އުވާލާފައިކަމަށެވެ.
މި އާ މެސެޖަކީ ދުނިޔޭގެ ސިއްހީ އިދާރާތަކުން އަހަރަކަށް ވުރެ ކުރިން ބުނި ވާހަކައާ މުޅިން އެއްގޮތް ވާހަކައެކެވެ. ނަމަވެސް އެވާހަކައާ ޚިލާފަށް ޗައިނާއިން ދިން އިންޒާރުތަކާ ވަރަށް ތަފާތު މެސެޖެކެވެ.
ޗައިނާގެ ކޮވިޑް ސިޔާސަތު ބަދަލުކޮށްފައި ވަނީ ދުނިޔޭގެ އެންމެ ހަރުކަށި ކޮވިޑް ފިޔަވަޅުތަކާ ގުޅިގެން ޒުވާނުން ދެއްކި ރުޅިވެރިކަމާއެކު ކުރިން ޗައިނާއިން ނުފެންނަފަދަ ނުކިޔަމަންތެރިކަމާއި މުޒާހަރާތަކާ ހެއްޖެވެ.
ޗައިނާގެ ކޯވިޑް-19 ސިޔާސަތުތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބި، ގައުމުގެ އެތޭގައި މުދާ ބަދަލުކުރުމުން ފެށިގެން ފެކްޓްރީގެ އުފެއްދުންތަކާއި، ދުނިޔޭގެ ސަޕްލައި ޗޭންތަކާއި ހަމައަށް ހުރިހާ ކަމެއް ގަޑުބަޑު ކޮށްލާފައި ވެއެވެ. އަދި އެތައް ސަތޭކަ މިލިއަން ބަޔަކަށް ބޮޑު ސްޓްރެސްއެއް ޗައިނާގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައި ވެއެވެ.
ލޮކްޑައުން އުވާލާފައިވާ ސިޓީތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރި އިއުލާންތަކުގައި މުޒާހަރާތަކުގެ ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ސިއްހީ އޮފިޝަލުން ވަނީ އާންމުން ފާޅުކުރާ "އަވަސް ކަންބޮޑުވުންތަކަށް" ހައްލެއް ހޯދާނެ ކަމަށް ބުނެފަ އެވެ.
އަލަށް ބަދަލު ގެނައި ފިޔަވަޅުތަކުގައު ބެއިޖިން އާއި އެހެން ތަންތަނުގެ ބައެއް ކޮމިއުނިޓީތަކުން ކޯވިޑް-19 ޖެހިފައިވާ މީހުން ގޭގައި ކަރަންޓީން ކުރުމުގެ ހުއްދަ ދީފައިވެއެވެ. އަދި ބެއިޖިންގެ ބައެއް ޝޮޕިން މޯލްތައް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާފަ އެވެ.