އުރުދުންގައި ދަންވަރު އަމިއްލައަށް ބަކަރިތަކެއް ތޮވާފު ކުރާ ވީޑިއޯއެއް އާންމު ވުމާގުޅިގެން އެއީ ގިޔާމަތް ކައިރި ވުމުގެ އަލާމާތެއް ކަމަށް މީހުން މީސްމީޑިއާގައި ބުނުމުން އުރުދުންގެ މުފުތީ ދިރާސާ ކުރުމަށް އެމައްސަލަ އެގައުމުގެ ފަތުވާ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުރުދުންގެ ދެކުނުގެ ކަރަކް ގަވަރުނަރޭޓްގައި ގިނަ އަދަދެއްގެ ބަކަރިތަކެއް ވަނީ ދަންވަރު ތޮވާފު ކުރުމެއް ބާއްވާފައެވެ.

އުރުދުންގެ ބަރިތައް ތޮވާފުކޮށްފައިވާ އިރު މި އާދަޔާ ހިލާފު ހާދިސާ ވައީ ޗައިނާގެ ޕްރޮވިންސެއްގައި ދަންވަރު ހަމަ އެގޮތަށް މީގެ ދެހަފްތާ ކުރިން ތަކުރާރު ވެފައެވެ.

މިއީ ގިޔާމަތް ވުމުގެ އަލާމާތެއްކަމަށް އުރުދުންގައި ބުނެ ބަހުސްކޮށްފައި ވެއެވެ. އަދި އެގައުމުގެ ޖަނަވާރުންނާ ބެހޭ މިނިސްޓްރީން ވަނީ ތަޖުރިބާކާރިންގެ ވަފުދެއް ފޮނުވައިގެން އެސޮރުމެނަށް ވެގެން އުޅޭ ގޮތް ބެލުމަށް ޓެސްޓްތައް ކޮށްފައެވެ. މިއާދަޔާ ޚިލާފު ސުލޫކާ ބެހޭ ގޮތުން އުރުދުންގެ ޖަނަވާރުންގެ މިނިސްޓްރީން ބުނީ އެ ސޮރުމެންގެ ފުށުން ފެނިގެން ގޮސްފައި ވަނީ މައިވަންތަކަމުގެ އަމަލެކެވެ. ބަކަރިތައް ތޮވާފް ކޮށްފައި ވަނީ މައި ބަކަރިތައް އޭގެ ދަރިސޮރުން ނުފެނިގެން ކަމަށެވެ. އަދި ދަރިން ފެނި އެސޮރުމެނާ އަޅާލެވުމުން އެކަން ހުއްޓުނީ ކަމަށެވެ.

އަދި ބަކަރި ތަކުގައި އެއްވެސް ބައްޔެއް ނޫނީ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށްވެސް ޓެސްޓް ކުރަން ދިޔަ ޓީމުން ބުންޏެވެ.

އޭގެ އިތުރުން އުރުދުންގެ ބޮޑު މުފްތީ އަބްދުލް ކަރީމް އަލްޚަސާވަނާގެ އެދިވަޑައިގަތުމަށް ކަރަކްގައި ފެނިގެން ދިޔަ އާދަޔާ ޚިލާފް މައްސަލަ ފަތުވާ މަޖިލީހުގައި ދިރާސާ ކޮށްފައެވެ. މުފުތީ ޚަސާވަނާ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ކަށަވަރުކޮށްދެއްވާފައި ވަނީ "ފަތުވާ ޑިޕާޓްމަންޓުން ބައްދަލުކޮށް މި ހާދިސާ ދިރާސާކޮށް، ޤިޔާމަތުގެ އަލާމާތްތަކާއި އޭގެ ގާތްކަން ދައްކުވައިދޭ ހުރިހާ ނަބީ ޙަދީޘްތަކެއް ދިރާސާ" ކޮށްފައެވެ. އަދި އެކަމާ ބެހޭ އެއްވެސް ހަދީސެއް ފެނިފައި ނުވާ ކަމަށާއި، އެ ހާދިސާއަކީ ފަތުވާ މަޖިލިސްއާ ގުޅުމެއް ނެތް ކަމެއް ކަމަށް ވިދާޅުވެފައެވެ.