ޤަރުނުގެ ފުޓްބޯޅަ ޝަހްސިއްޔަތު ބްރެޒިލްގެ މަޝްހޫރު ޕެލޭގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ޑޮކްޓަރުން އުއްމީދު ކަނޑާލައިފިއެވެ.

ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޕެލޭ މިމަހުގެ އެއްވަނަ ދުވަހު ހޮސްޕިޓަލަށް ދިޔައީ މަހަކު އެއްފަހަރު ހަދަން ޖެހޭ ރޫޓިންގ ޓެސްޓްތައް ހެދުމަށް ކަމަށް އޭނާގެ އާއިލާން އިއްޔެ ވަނީ ބުނެފައެވެ. އަދި އިއްޔެއާ ހަމައަށް ޕެލޭގެ ހާލަތު "ނޯމަލް" ކަމަށާއި ހާލަތު ގޯސްވާން ފެށީ މިއަދު ކަމަށެވެ.

ރޫޓިންގ ޓެސްޓްތަކުގެ ނަތީޖާތައް ދައްކާ ގޮތުން ޕެލޭގެ ގޮހޮރުގެ ކަނާތް ފަޅީގައި ޓިއުމަރެއް އެބަހުއްޓެވެ. ވީއެންމެ އަވަހަށް މިޓިއުމަރު ނެގުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޕެލޭ މިވަގުތު އޮތީ އެޑްމިޓް ކޮށްފައި އޮތީ ބްރެޒިލްގެ ސައުޕައޮލޯގައި ހުންނަ އަލްބާޓް އެއިންސްޓަން ހޮސްޕިޓަލުގައެވެ. މިހޮސްޕިޓަލުގެ އޮފިޝަލުންނާއި ހަވާލާދީ ބްރެޒިލްގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ ޕެލޭގެ ހަރަކާތް މިހާރު ހުއްޓިފައިވާ ކަމަށެވެ.

ޕެލޭގެ ހާލަތު ގޯސްވުމާއި ގުޅިގެން ފުޓްބޯޅައިގެ މިހާރުގެ ތަރިންނާއި ކުރީގެ ތަރިން ގެންދަނީ ޕެލޭއަށް ހެޔޮއެދުމުގެ މެސެޖްތައް ފޮނުވަމުންނެވެ.

ޕެލޭ ވަނީ ބްރެޒިލްއާއެކު 3 ފަހަރު ވަރލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ފުޓްބޯޅަ ކެރިޔަރުގައި 1281 ލަނޑު ކާމިޔާބުކޮށް، މަތީފަންތީގައި ފުޓްބޯޅަ ކުޅެ މިއަދަދަށް ލަނޑު ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔަކީވެސް ޕެލޭއެވެ.