ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ބާޚިރާ ދޯނީގެ ދެ ކެޔޮޅުން ކަމަށްވާ ޙަސަން ޒަރީރާއި މުޙައްމަދު ރަޝީދާއި އެމީހުންގެ ޓީމަށް މަރުހާބާއާއި ސާބަސް ހުއްޓެވެ. މަސްވެރިކަމުގެ ތާރީޚުގައި ތިޔަ އައު ކުރި ފަޚުރުވެރި ރެކޯޑަށްޓަކައި ތައުރީފު ހުއްޓެވެ.

ބާޚިރާ ދޯންޏަކީ އޭގެ ޒާތުގައި ވެސް އާދައިގެން ދޯންޏެއް ނޫނެއެވެ. އެއީ ރާއްޖޭގެ ނިސްބަތުގައި އެންމެބޮޑެތި ދޯނިފަހަރުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ. ދޯނީގެ ދިގުމިނަކީ 117 ފޫޓެވެ. 1050 ހޯސްޕަވަރގެ ބޮޑު އިންޖީނެކެވެ. ގަޑިއަކު 13 ނޯޓިކަލް މޭލު ދުވެއެވެ. ދޯނި ބަނދެފައިވަނީ ގދ. ފިޔޯރީއެވެ. ދޯނީގެ ވެރިޔަކީ ލިލީ ސްޓޯރުގެ މުހުުސިނެވެ. ދޯންޏަކީ އެންމެ ޒަމާނީ ފެންވަރަށް ފައްކާކޮށްފައިވާ ދޮށީގެ މަސްވެރިކަމަށް ޚާއްސަ ދޯންޏެކެވެ. ފަޅުވެރީންނަށް ޚާއްސަ ކޮޓަރިތަކާއި ކެޔޮޅުންނަށް ޚާއްސަ ކޮޓަރިތައް އެ ދޯނީގައި ހުރެއެވެ. ފުލް އެއާކޮންޑިޝަން ކޮޓަރިއެވެ.

އެ ދޯންޏަށް އިއްޔެވީ ނަސީބުގެ ދުވަހަކަށެވެ. ދިމާވި ދަހި އައިނަކުން 58.6 ޓަނުގެ މަސް ބޭނީއެވެ. ދިވެހި މަސްވެރި ކަމުގެ ތާރީޚުގައި އައު ރެކޯޑެއް ހެދީއެވެ. އެ މަސް ކޫއްޑުއަށް ކިރުމުން މަހުގެ އަގަށް 996,034 ރުފިޔާ ވަނީ ލިބިފައެވެ. މިލިއަނަކާ ކައިރި ކުރާ އަދަދެކެވެ. އެއް ދުވަސްތެރޭގައި އެންމެ ގިނަ މަސް ބޭނި ދޯނީގެ އައު ރެކޯޑާ އެކުގައެވެ. މީގެ ކުރީން ވެސް މި ރެކޯޑު އޮތީ ގދ. ގެ ދޯންޏެއްގައެވެ. އެއީ މަޑަވެލީ ޓީއެސް ދޯނީގެ އަތުގައެވެ. މިއަހަރުގެ ސެޕްޓެމްބަރުގައި އެދޯނި ވަނީ 57.15 ޓަނުގެ މަސް ބާނައިފައެވެ.

ބާޚިރާދޯނިން މީގެ ކުރިން އެއްދުވަހަކަށް އެންމެެ ގިނައިން ބާނައިފައިވަނީ 51 ޓަނުމަހެވެ. އެއީ މިއަހަރު އޮކްޓޯބަރުމަހުގެ އެމީހުން ހެދި އަަމިއްލަ ރެކޯޑެކެވެ. އޭގެ ކުރިން އެމީހުންގެ އަމިއްލަ ރެކޯޑަކީ 48 ޓަނެވެ. މި ރެކޯޑު ހަދައިފައިވަނީ 2020 ވަނަ އަހަރުއެވެ. އެ ފަހަރު އެދޯނީގެ މަސްވެރިންގެ އަނބިން ވަނީ ދޯނީ ރަށަށް އައުމުން ހުރިހާ ފަޅުވެރީންނަ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން އެމީހުންވަނީ ސައިޕާޓީއެއް ވެސް ބާއްވައިދީފައެވެ.

ބާޚިރާ ދޯނީގެ ކެޔޮޅުން ކަމަށްވާ ޙަސަން ޒަރީރާއި މުހައްމަދު ރަޝީދާއި، އެންކެޔޮޅާއި އެހެނިހެން ފަޅުވެރީންނަށް މަރުހަބާއާއި ތަހުނިޔާއެވެ. އެމީހުންގެ އާއިލާތަކަށް ފާގަތިކަމާއި އުފާވެރިކަމެވެ. ދިވެހި މަސްވެރިކަމުގެ "ތާރީޚުގައި އެއްދުވަހަކަށް އެންމެ ގިނަ މަސް ބޭނި ބާޚިރާ ދޯނީގެ މާކެޔޮޅާއި، ކެޔޮޅާއި، އެން ކެޔޮޅާއި، މަސް ބާނާ ފަޅުވެރިންނާއި، އިންޖިނިއަރާއި، ކޭޝިޔަރާއި، ކައްކާއަށް ވަރަށް ބޮޑަށް މަރުހަބާ،" އެވެ. މިއީ މިވަގުތު މިފްކޯގެ ބެލެނިވެރި ކުންފުންނީގެ ގޮތުގައި އޮތް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުގެ މަރުހަބާގެ ޝުޢޫރެވެ. އޭނާ ވިދާޅުވެފައިވަނީ ދޯނިން ކިރުވި މަހުގެ އަގަށް 996,034 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއް މިލިޔަން ރުފިޔާ ގެ ރެކޯޑަކަށް އަދި އިރާދަކުރެއްވިއްޔާ ދެވޭނެ ކަމަށް ވިދާޅުވެ ބާޚިރާ ދޯނީގެ ޓީމަށް ހިތްވަރު ދެއްވައިފައިވެއެވެ.

މިއަހަރުގެ މަސްވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ ފަރެސްމާތޮޑާގައެވެ. ބާޚިރާގެ މި ރެކޯޑަކީ އެދުވަހުގެ ކުރީން އެރަށުގެ ރައްޔިތުންނަށް ދިން ހަދިޔާއެކެވެ.