ވަރލްޑް ކަޕް ދެވަނަ ބުރުގައި ރޭ އާޖެންޓީނާ އަތުން މޮޅުނުވީ ކުޅުންތެރިންނަށް ހެދުނު މިސްޓޭކްތަކެއްގެ ސަބަބުން ކަމަށް އޮސްޓްރޭލިޔާގެ ކޯޗް ގްރަހަމް އާނޯލްޑް ބުނެފިއެވެ.

އާނޯލްޑް ބޮޑަށް ފާހަގަ ކުރީ އާޖެންޓީނާއިން ދެވަނައަށް ޖެހި ލަނޑުގައި ކީޕަރަށް ހެދުނު މިސްޓޭކެވެ. "ފުރަތަމަ ލަނޑުގައި ބުނާނެ އެއްޗެއް ނެތް. މެސީ ޖެހީ މޮޅު ލަނޑެއް. އެކަމަކު ދެވަނަ ލަނޑު އަހަރެމެން ކޮޅަށް ވަނީ ކިހިނެއްކަން އެންމެނަށްވެސް އެނގޭނެ" އާނޯލްޑް ބުންޏެވެ.

އާނޯލްޑް އިތުރަށް ބުނީ އޮސްޓްރޭލިޔާއިން އާޖެންޓީނާ ކައިރީގައި ދެއްކީ އޭނާ ފަހްރުވެރިވާފަދަ ކުޅުމެއް ކަމަށެވެ. "މުޅި މެޗަށް ބަލާއިރު އަހަރެމެން ދެއްކި ކުޅުމާމެދު ފަހްރުވެރިވަން. އުއްމީދު ކުރަނީ އޮސްޓްރޭލިޔާގެ ސަޕޯޓަރުންވެސް މިޓީމާމެދު ފަހްރުވެރިވާނެ ކަމަށް" އޮސްޓްރޭލިޔާ ގައުމީ ޓީމަށް ކުރިން ކުޅުނު އާނޯލްޑް ބުންޏެވެ.

އާޖެންޓީނާއިން އޮސްޓްރޭލިޔާގެ މައްޗަށް ހޯދި މޮޅު ހާއްސަ ވަނީ ކެޕްޓަން ލިއޮނަލް މެސީއަށެވެ. ރޭގެ މެޗަކީ ފުޓްބޯޅަ ކެރިޔަރުގައި މެސީ ކުޅުނު 1000 ވަނަ މެޗެވެ. މި 1000 މެޗުގައި މެސީ ވަނީ 789 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 338 ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައެވެ. އޮސްޓްރޭލިޔާ ކޮޅަށް ރޭ މެސީ ޖެހި ލަނޑު ހާއްސަވާ އަނެއް ސަބަބަކީ މިއީ ވަރލްޑް ކަޕުގެ ނޮކައުޓް ސްޓޭޖުގައި މެސީ ކާމިޔާބު ކުރި ފުރަތަމަ ލަނޑަށްވުމެވެ.

ކުއާޓާފައިނަލުގައި އާޖެންޓީނާ ބައްދަލު ކުރާނީ ނެދަލޭންޑްސްއާއެވެ. މިމެޗް ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.