ރާއްޖޭގައި މިފަހަކަށް އައިސް ހޯދާފައިވާ މަސްތުވާތަކެއްޗާއި، ހަމަ މިމުއްދަތުގެ ތެރޭގައި އަވަށްޓެރި ގައުމުތަކުން ހޯދާފައިވާ މަސްތުވާ ތަކެއްޗާ ގުޅުމެއް ވޭބާވައެވެ؟ އިންޑިއާގެ ކޯސްޓްގަޑާއި ސްރީލަންކާ ކަސްޓަމްސްއިން ވަނީ ދާދި މިދާކަށް ދުވަހު ގިނަ އަދެއްގެ މެތުއާއި ހެރޮއިން ހޯދައިގެންފައެވެ. މި ތަކެތި އުފައްދާ ފައިވަނީ އަފްޣާނިސްތާނުންނެވެ. މި މަސްތުވާތަކެތި ސްމަގްލް ކޮށްފައިވަނީ ޕާކިސްތާންގެ އައްސޭރިފަށުގެ ހިސާބަކުން އެގައުމުގެ ދޯންޏެއްގައެވެ.

ލަންކާގެ މަރާވިލާގައި ހޯދާފައިވާ މި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކުރިއެވެ. މީގައި 100 ކިލޯގެ ހެރޮއިންއާއި 100 ކިލޯގެ ކްރިސްޓަލް މެތު ހިމެނެއެވެ.

މިހާދިސާއަށްފަހު އިންޑިއާ ކޯސްޓް ގާޑުން ސޫތުކުޅި ކައިރިން ހިފެހެއްޓި ސްރީލަންކާގެ ދޯންޏަކުން 20 ކިލޯގެ މެތުއާއި 100 ކިލޯގެ ހެރޮއިން ހޯދައި ގަތެވެ. މި ތަކެއްޗަކީ ގަވަދާރް ސަރަހައްދުން އައި ދޯންޏަކުން މާކަނޑުގައި ސްރީލަންކާ ދޯންޏަށް އެރުވި ތަކެތި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އަފްޣާނިސްތާނަކީ، ތާލިބާންގެ ވެރިކަމުގައި ހަތިޔާރު ގަތުމަށް އަފިހޫނުގެ ވިޔަފާރި އެންމެ ގަދައަށް ކުރި ގައުމެވެ. 2018ގައި އައި ހަނަފަސްކަމާއި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން، އަފިހޫން އުފެއްދުން މިހާރު ވަނީ މެތު އުފެއްދުމަށް ބަދަލުކޮށްފައެވެ.

އަފްޣާނިސްތާން ސަރުކާރުން ވެސް ދަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ލިބޭ މަޢްލޫމާތުގެ މައްޗަށް މީހުން ހައްޔަރު ކުރަމުންނެވެ.

މަސްތުވާ ބޭހެއްކަމަށްވާ މެތު އުފައްދަނީ، އަފްޣާނިސްތާންގައި އުފައްދާ އެފެޑްރާ ޕްލާންޓުންނެވެ. މި ވައްތަރުގެ ގަސް އަފްޣާސްތާންގެ ބަކްވާގައި އާންމުކޮށް ހައްދައެވެ.

ނޮވެމްބަރު 24 ވަނަ ދުވަހު ޔޫރަޕިއަން މޮނީޓަރިންގ ސެންޓަރ ފޯރ ޑްރަގްސް އެންޑް ޑްރަގް އެޑިކްޝަންއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ސްރީލަންކާއާއި އިންޑޮނޭޝިއާއާއި އޮސްޓްރޭލިއާ އާއި އެފްރިކާގެ ގައުމުތަކުން ހޯދފައިވާ ކްރިސްޓަލް މެތު އުފައްދާފައި ހުންނަނީ އަފްޣާނިސްތާނުން ކަމަށެވެ. އަދި މި މަސްތުވާ ބޭސް އުފައްދައި ސަޕްލައި ކުރުމުގައި އިސް ދައުރެއް އަފްޣާނިސްތާނުން އަދާ ކުރާކަމަށެވެ.