ޔޫރަޕިއަން ޕާލަމެންޓްގައި ރަޝިޔާއަކީ ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމެއް ކަމަށް ފާސްކުރުމަށ ްނެގި ވޯޓުގައި ދެކޮޅު ހެދި މައްސަލަ އަޔަލޭންޑުގެ ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ކްލޭއާ ޑޭލީ ސާފުކޮށްދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، "އަޅުގަނޑު ވޯޓު ދިނީ [ޓެރަރިޒަމްގެ ސްޕޮންސަރެއްގެ ގޮތުގައި ރަޝިޔާ ބަލައިގަތުމާ] ދެކޮޅަށެވެ.

އޭނާ ވިދާޅުވިގޮތުގައި ނޭޓޯއަކީ ހަމައާއި އިންސާފަށް ކަން ކުރާ ބާރެއް ނޫނެވެ. އޭނާ ވިދާޅުވީ ލީބިޔާގައި ނޭޓޯއިން ކަން ކުރި ގޮތް ވަރަށް ރަނގަޅަށ ްހަނދާނުގައި އެބަހުރި ކަމަށެވެ. މިނިވަންކަމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ބަހަނާގައި ލީބިޔާއަށް ނޭޓޯއިން ވަދެގަތް ދުވަސް އަދިވެސް ހަނދާނުގައި އެބަހުރި ކަމަށާއި، އަދި މިހާރު ނޭޓޯއިން ޔޫކްރޭނުގައި ޕްރޮކްސީ ހަނގުރާމަ ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ނޭޓޯއިން ސަރަހައްދަކަށް ވަނުމުން އެތަނެއްގައި ބިރުވެރިކަމާއި، މީހުން މަރުވުމާއި، ހަލަބޮލިކަން، އަންހެނުން ރޭޕުކުރުމާއި، ފަގީރުކަމާއި، ބަނޑުހައިހޫނުކަން އާންމުވާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ލީބިޔާގެ މައްސަލާގައި ވާވަހަކަ ދައްކަވަމުން ޔޫރަޕިއަން ޕާލަމެންޓްގެ އަޔަލޭންޑްގެ މެމްބަރު ވިދާޅުވީ ލީބިޔާއަކީ ހަމަނުޖެހުންތަކުގެ ސަބަބުން ބައިބައިވެގެން ގޮސްފައިވާ ގައުމެއް ކަމަށާއި އެގައުމުގެ އިގްތިސާދު ފަނާވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ޒަމާނެއްގައި ލީބިޔާއަކީ އެފްރިކާގެ އެންމެ މުއްސަނދި ގައުމެވެ. ނަމަވެސް އާބާދީ ފަގީރުކަމުގެ ތެރެއަށް މިހާރު ވެއްޓިފައިވާ ކަމަށެވެ. އަދި ލީބިޔާ މީހުން މިހާރު އަޅުންގެ ގޮތުގައި ނީލަން ކިޔޭ ކަމަށެވެ.

ލީބިޔާގެ އާންމުންގެ އެއް މިލިއަން މީހުން ތިބީ އިންސާނީ އެހީއަކަށް އުންމީދު ކޮށްގެންނެވެ. އަދި މިއީ ޖެނޮސައިޑާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް މިހާރު އާންމު ވެފައިވާ ގައުމެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ޑޭލީގެ ވާހަކަ ނިންމަވާ ލެއްވީ މިއީ ނޭޓޯގެ ލެގަސީ ކަމަށާއި، މިއީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ނެގެހެއްޓުމުގައި ނޭޓޯގެ ސްޓްރެޓެޖީ ކަމުގައި އޭނާ ވިދާޅުވިއެވެ.