ޤަތަރުން ވޯލްޑްކަޕް ބާއްވާއިރު، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކުގެ ބަހަނާގައި އެޤަައުމާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަލާތަކަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވަނީ ފާޑު ވިދާޅުވެއްޖެއެވެ.

ބްލެއާ ވިދާޅުވީ މިއީ ތާރީޚުގައި ވެސް ބާއްވާފައިވާ ވޯލްޑްކަޕްގެ މިފަދަ އެންމެ ބޮޑު އިވެންޓް ކަމަށާއި މިކަމުގައި ޤަތަރުގެ އަގުވަޒަން ކުރަން ޖެހޭކަމަށެވެ.

އިނގިރޭސިވިލާތުގެ "ދަ ނިއުސް އޭޖެންޓް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ބްލެއާ ވިދާޅުވީ "އަޅުގަނޑުމެން ޤަތަރަށް އިޙްތިރާމް ކުޑަކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. މިއީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އިވެންޓް،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ "މިއީ ޤަތަރަށް ވަރަށްބޮޑު އިވެންޓެއް. އެއީ އަޅުގަނޑުމެންގެ އެކުވެރިން، އަދި އެމީހުން މިޤައުމަށް (އިނގިރޭސިވިލާތަށް) ބޮޑެތި ޢަދަދުތަކުން ފައިސާ އިންވެސްޓްކޮށްފައިވޭ،" ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދިނުމުގެ ޙައްގުތަކާއި ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތަކާ ގުޅޭ ގޮތުން ޤަތަރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބްލެއާ ވިދާޅުވީ "ކޮންމެ މީހަކަށްވެސް ތިމާއަށް ފެންނަ ގޮތެއް ހުށަހެޅިދާނެ ކަމަށާއި ނަމަވެސް ތިމާއަށް ފެންނަ ގޮތް ބުނާއިރު އެ ގައުމެއްގެ މުހިންމު މުނާސަބަތުގެ އަގުވަޒަން ކުރަން ޖެހޭނެ،" ކަމަށެވެ.

ވޯލްޑް ކަޕްގެ އިންތިޒާމް ކާމިޔާބު ކުރުމަށް ޤަތަރުން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެމީހުންނަށް (ހޯސްޓިން) ލިބުނު ގޮތާ މެދު ދެބަސްވެވި ދާނެ ކަމަށާއި އެކަމަކު މިހާރު އިވެންޓް އެއޮތީ ފެށިފައި" ކަމަށާއި ދެން ކުރިއަށް ދާންވީ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސްޕޯޓްސް މިނިސްޓަރު ސްޓޫއާޓް އެންޑްރޫ ވަނީ ޤަތަރުގައި އެއްޖިންސުގެ މީހުންގެ ޝިއާރު ނަގަހައްޓާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖަރުމަންވިލާތުގެ މިނިސްޓަރުވެސް އެފަދަ ވާހަކައެއް ދެއްކެވިއެވެ.

ބްލެއާ ވިދާޅުވީ ފާއިތުވި ދިހަ އަހަރު ތެރޭގައި ޤަތަރަށް ޒިޔާރަތްކުރި މީހުންނާއި ޤަތަރަށް ނުދާ މީހުން ވަރަށް ތަފާތު ވާނެ ކަމަށެވެ. އޭނާއަކީ ޤަވާއިދުން ޤަތަރަށް ދަތުރުކުރައްވާ ބޭފުޅެއްކަމުން ޤަތަރަށް އައިސްފައިވާ ބަދަލު ފެނިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ.

ޤަތަރާ މެދު ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ހުޅަނގުން ނަގަހައްޓާފައިވާ ތީމަކީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދިނުމުގެ ތީމެވެ. އަދި ޤަތަރުން 21 ދުވަހަށް އެމީހުންގެ ސަގާފަތް ބަދަލު ނުކުރާނޭ ކަމުގެ އިންޒާރު ދިނުމުން އިނގިރޭސި ކުންފުނިތަކުން ވަނީ ޤަތަރުގެ ފަތުރުވެރިކަމުގެ އިޝްތިހާރު ދެއްކުން މަނާކޮށްފައެވެ.

އިނގިރޭސި ނޫސް "ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަމާ ގުޅިގެން ޤަތަރުން ވަނީ ލަންޑަނުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް މުރާޖައާ ކުރަން ފަށާފައެވެ.

ލަންޑަން ސިޓީގެ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބަހާއި ޓެކްސީ އަދި ސަބްވޭ ރޭލުތަކުގައި ޤަތަރުގެ ފަތުރުވެރިކަން އިޝްތިހާރުކުރުން މަނާ ކޮށްފައެވެ.