ދާދި ފަހުން އެމެރިކާއަށް ވަޑައިގެން އުޅުއްވަމުން ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަރަށް އާދައާ ޚިލާފު ބަހުރުވައަކުން ވާހަކަފުޅު ދައްކަވައިފި އެވެ. އޭނާގެ ވާހަކަފުޅުން ފާހަގަ ކުރެވެނީ، ރަޝިޔާއިން ޔުކްރޭނަށް ޙަމަލަ ދިނުމަށް ރަޝިޔާގެ ރައީސް ޕޫޓިން މެދުވެރިކުރެއްވި ސަބަބަކީ ޙަޤީޤަތުގައި ވެސް ގަބޫލު ކުރަންޖެހޭ ސަބަބެއް ކަމުގައި އޭނާ ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެ ސަބަބާމެދު ޔޫރަޕުން އިތުރަށް ވިސްނައި ރަޝިޔާއަށް ދޫ ދޭންޖެހޭ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވާ ކަމެވެ.
އެމެރިކާގެ ރައީސް ބައިޑަންއާ ބައްދަލުކުރައްވައި ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމަ ދެ ރައީސުން ކުއްވެރި ކުރައްވާފައި ވީ ނަމަވެސް، ޝަރުޠު ތަކަކާ އެކުގައި ނަމަވެސް ރައީސް ޕޫޓިންއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ޚުދު އެމެރިކާގެ ރައީސް ވެސް އެ ބައްދަލުކުރެއްވުމަށްފަހު ހާމަ ކުރައްވާކަމީ ވެސް ފާހަގަ ކުރަންޖެހޭ ކަމެކެވެ. މިއިން ދޭހަވާ އެއް ކަމަކީ، ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި އީޔޫއިން ޔުކްރޭނު ލައްވައި ކުރުވަމުން ގެންދާ ހަނގުރާމައިގެ ވަރުބަލިކަމާއި، އުދާސްކަން ތަޙައްމަލް ކުރުމުގައި އެމެރިކާއާއި އީޔޫއިން ވަރުބަލި ވެފައިވާ ކަމާއި، މުޅި ދުނިޔޭގެ އިޤްތިޞާދަށާއި ބައިނަލް އަޤްވާމީ ނިޒާމަށް އައިސްފައިވާ ހަލަބޮލިކަމަށް ނިމުމެއް ގެންނަން ވެއްޖެ ކަން އެމެރިކާއާއި އީޔޫއަށް ވެސް މިހާރު ގަބޫލު ކުރެވިއްޖެ ކަމެވެ.
ޔުކްރޭނަށް ފަރަންސޭސިން ދޭ މިލިޓްރީ އެހީއާ ބެހޭ ގޮތުން އިމެނުއެލް މެކްރޯން ވިދާޅުވީ، ފްރާންސުން ޔުކްރެއިނަށް ދޭ ހަތިޔާރުތަކުގެ ތަކުގެ ތެރޭގައި، ރަޝިޔާގެ ސަރަޙައްދަށް ޙަމަލަ ދެވޭ ވަރުގެ އާލާތްތައް ނުހިމެނޭނެ ކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަރަންސޭސިން ބައިވެރި ނުވާނެ ކަމުގެ ކަށަވަރުކަން އޭނާ ތަކުރާރު ކުރެއްވި އެވެ. މި ކަންކަން ހާމަވީ، އިއްޔެ (ޑިސެމްބަރ 3 ގައި) ފްރާންސްގެ ޓީއެފް-1 ނަމަކަށް ކިޔާ ޓީވީ ޗެނަލަކުން ބްރޯޑްކާސްޓް ކުރި އޭނާގެ އިންޓަވިއުއަކުން ނެވެ.
ވޭތުވި ހަފުތާގައި މެކްރޯން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ރެކޯޑް ކޮށްފައިވާ މި އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ، ޔޫރަޕްގެ ކުރިމަގުގެ ސަލާމަތީ ކަންތައްތައް އޮންނަންވާނެ ގޮތް ޔޫރަޕުން އެކަށައަޅަން ޖެހޭ ކަމަށެވެ. އިތުރަށް މި ކަން ތަފްޞީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ، [އޭގެ މާނައަކީ، ޕޫޓިން އަބަދުވެސް ފާހަގަ ކުރައްވާ އެންމެ މުހިންމު އެއް ޕޮއިންޓް ކަމަށްވާ، ރަޝިޔާއަށް ނުރައްކާވާފަދަ ހަތިޔާރު ގެނެސް ނޭޓޯއިން ރަޝިޔާގެ ދޮރާށިބުޑުގައި ބެހެއްޓުން] ކަމަށެވެ.
މި އަހަރުގެ ފެބްރުއަރީ 24 ގައި ފެށި މި ހަނގުރާމަ ހުއްޓުވުމަށް ވާހަކަ ދެއްކުމަށް އިޝާރާތް ކުރަމުން ފަރަންސޭސި ރައީސް އިތުރަށް ވިދާޅުވީ، [އެއީ ޞުލްޙައަށް ހުރަސްއެޅިފައިވާ މައްސަލައިގެ އެއްބައި. އެހެންކަމުން، އަހަރެމެން ތަރުތީބު ކޮއްލަން އެބަ ޖެހޭ އަހަރެމެން ކުރަން ތައްޔާރުގައި ތިބި ކަންތައްތަކުގެ މައްޗަށް. އަހަރެމެންގެ އެކުވެރިންނާއި (ނޭޓޯގެ) މެމްބަރު ޤައުމުތައް ހިމާޔަތް ކުރާނީ ކިހިނެއްތޯއާއި، ރަޝިޔާއިން ޞުލްޙައިގެ ވާހަކަތަކަށް އަންނަ ދުވަހަކުން އެ މީހުންނަށް އަހަރެމެން (ސަލާމަތީ ކަންކަމުގެ) ގެރެންޓީ ދޭނީ ކިހިނެއްތޯ] ބަލަން އެބަ ޖެހޭ ކަމަށެވެ.
ރައީސް މެކްރޯން ފަރަންސޭސި ނޫހެއް ކަމަށްވާ ލެ ޕަރިސިއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މަދަނީ ކަންކަމަށް ބޭނުންކުރާ ނިއުކްލިއަރ ހަކަތައާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އޭނާ ރަޝިޔާގެ ރައީސް ޕޫޓިންއާ ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށާއި އޭގެ ކުރިން ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި މި މައްސަލައާ ބެހޭ ގޮތުން، އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީއާ މިއަދު (އާދީއްތަ ދުވަހު) އޭނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
މެކްރޯންގެ ވާހަކައިގެ ރާގަށް މި އައި ބަދަލަކީ މީގެ ކުރިއާ އަޅައި ބަލާއިރު ވަރަށް ބޮޑު ބަދަލެއްކަން ފާހަގަ ކުރަންޖެހެ އެވެ. އޭނާގެ މި ދެ އިންޓަވިއުއިން ވެސް އެނގެނީ އޭނާ ރަޝިޔާއާ އެކު ވާހަކަ ދެއްކުމުގެ ސިލްސިލާއެއް ހިންގަވަމުން ގެންދަވާ ކަމެވެ. އަދި ނޭޓޯއިން ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވާ ވިދާޅުވުން އޭނާ ފުރިހަމަޔަށް ގަބޫލުފުޅު ކުރައްވާ ކަމެވެ.
އީޔޫއިން އިނގިރޭސިން ވަކިވުމުން އެ އިއްތިޙާދު ތަމްސީލު ކުރަމުން ގެންދިޔައީ ޖަރުމަނުންނެވެ. ނަމަވެސް ޗާންސެލަރ އެންޖެލާ މާކެލް އަށްފަހު އެ ޤައުމުގެ ވެރިކަމަށް އާ ބޭފުޅަކު ވަޑައިގަތުމާއި ދެން އެ އިއްތިޙާދުގައި ހިމެނޭ އެންމެ ނުފޫޒުގަދަ ގައުމު ކަމަށްވާ އިޓަލީގެ ވެރިކަން ކަނާތުފިޔައިގެ ހަރުކަށި ލީޑަރެއްގެ އަތްޕުޅަށް އެރުމުން މިހާރު އެ އިއްތިޙާދު ލީޑު ކުރައްވަމުން ގެންދަވާ އެންމެ އިސް ލީޑަރެއް ކަމުގައި ބެލެވިފައިވަނީ ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން އެވެ.
-މަޞްދަރު: އަލްޖަޒީރާ