ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބުގެ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިޚްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައި ލިޔުންވި ބަޔާނުގައެވެ. ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ތަރައްޤީކުރައްވައި، ފުޅާކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއް ކަމަށެވެ. އަލްމަރްހޫމާ ޙަބީބާ ޙުސައިން ޙަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.