ހޫނު މޫސުމުގައި އެއަރ ކޮންޑިޝަނަރުތަކަކީ ވަރަށް މުހިންމު އެއްޗެއް ނަމަވެސް، އަބަދު އޭސީ ބޭނުންކުރުމުގެ ސަބަބުން އެކި ބާވަތުގެ ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެއެވެ.

'ކެއަރ' ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޕަލްމޮނޮލޮޖިސްޓް ޑރ. ސަތީޝް ސީ ރެޑީ ވަނީ މީގިނަ ވަގުތު އޭސީ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ފައިދާތަކާއި ގެއްލުންތަކާ ބެހޭގޮތުން އަލިއަޅުވާލައްވާފައެވެ.

އޭސީ ސިސްޓަމްތަކުން ހޫނުމިނުގެ އިތުރުން ވައިގެ ފެންވަރު ރަނގަޅުކޮށް، ހިރަފުހާއި އެހެނިހެން ވައިގައި އުދުހޭ ކުދި ކުދި އާލާތްތައް ނައްތާލައެވެ. މިކަމުގެ ސަބަބުން ނޭވާލުމުގެ މައްސަލަތައް ކުޑަކޮށް، ހޫނުގެ ސަބަބުން ޖެހޭ ބަލިތައް ހުއްޓުވައިދެއެވެ. ނަމަވެސް، ގިނަ ވަގުތު ފިނި އަދި ހިކި މާހައުލެއްގައި ހުރުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހަށިގަނޑުން ފެން މަދުވުމެވެ. އޭސީ ޔުނިޓްތަކުން ވައިން ފެން ދަމާލުމުގެ ސަބަބުން ހަށިގަނޑުންވެސް ފެން ގެއްލޭ މުންވަރު އިތުރުވެއެވެ. އެހެންކަމުން ގިނަ އަދަދަކަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، ހިކި ވައިގެ ސަބަބުން ހަމުގައާއި، ލޮލުގައާއި އަދި މިޔުކަސް މެމްބްރޭންތަކުގައި ހިރުވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ. ދާއިމީގޮތެއްގައި ފިނި މާހައުލެއްގައި ހުރުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، އެކި ބާވަތުގެ އިންފެކްޝަންތަށް އުފެދުމުގެ ފުރުސަތުވެސް އިތުރުކުރެއެވެ. އަދި މީގެ އިތުރުން، ރަނގަޅަށް ސާވިސްނުކުރާ އޭސީ ޔުނިޓްތަކުގައި މޯލްޑް އަދި އެލަރޖީ އުފައްދާ ތަކެތި ހުރުމުގެ ފުރުސަތު އޮތުމުން، ނޭވާލުމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ.

އޭސީގެ ފައިދާތައް ލިބިގަތުމާއެކު، ނުރައްކާތައް ކުޑަކުރުމަށްޓަކައި ޑރ. ރެޑީ ވަނީ އެތައް ލަފައެއް ދެއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ގިނައިން ފެން ބުއިން، ހިއުމިޑިފަޔަރެއް ބޭނުންކުރުން، ގުދުރަތީގޮތުން ވައި ދައުރުވާ ތަންތަނުގައި ހުސްވަގުތު ހޭދަކުރުން، އޭސީ ސިސްޓަމް ގަވާއިދުން ސާފުކުރުން، އޭސީ އަރާމު ފިނިމިނެއްގައި ބެހެއްޓުން އަދި ގަވާއިދުން ހަމުގައި ލޯޝަން ނުވަތަ މޮއިސްޗަރައިޒާ ލުން ހިމެނެއެވެ.

މި އިރުޝާދުތަކަށް އަމަލުކުރުމުން، އެއަރ ކޮންޑިޝަނާގެ ފިނިކަމުގެ ފައިދާ ލިބިގަތުމާއެކު، ސިއްހަތަށް ރަނގަޅު އަދި ހިތްފަސޭހަ މާހައުލެއް އުފައްދައިދޭނެެވެ.