ވިންގަރ ކިލިއަން އެމްބައްޕޭ ކާމިޔާބު ކޮށްދިން ހިތްގައިމު ދެލަނޑާއި އޮލިވަރ ޖިރޫ ކާމިޔާބު ކުރި ލަނޑުން 3-1 އިން ޕޮލެންޑް ބަލިކޮށް ފްރާންސް މިހާރު ކުރިއަށްދާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުން މިރޭ ޖާގަ ހޯދައިފިއެވެ.
ޕޮލެންޑުން ފުރަތަމަ ހާފުގައި ވަރުގަދަ ކައުންޓަރ އެޓޭކިންގ ކުޅުނު މިމެޗުގައި ފްރާންސުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ދަނިކޮށް އިލިވަރ ޖިރޫގެ ލަނޑުންނެވެ. މިލަނޑު ޖެހުމަށް އެހީތެރިވިދިނީ އެމްބައްޕޭއެވެ. މިލަނޑާއެކު ޖިރޫ ވެފައި ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު (52 ލަނޑު) ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއަށެވެ. ކުރިން މިރެކޯޑް އޮތީ ކުރީގެ މަޝްހޫރު ފޯވާޑް ތިއެރީ އޮންރީ އަތުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ޕޮލެންޑުން ވަނީ 73 ވަނަ މިނެޓާ ހަމައަށް ފްރާންސުގެ ލީޑް ފުޅާވިޔަ ނުދީ ހިފަހައްޓާފައެވެ. ފްރާންސުން 74 ވަނަ މިނެޓުގައި ލީޑް ފުޅާ ކުރީ ކައުންޓަރ އެޓޭކެއްގައި އެމްބައްޕޭ އުއްޑައެއްހެން ފޮނުވާލި ބާރު ހަމަލާއެއް މަތީ ދާގަނޑެއްވުރެ ކުޑަ ތަންކޮޅެއް ތިރިން ދާގަނޑުގައި ތަތްކޮށްލައިގެންނެވެ. އެމްބައްޕޭގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައެވެ. ޕޮލެންޑުގެ އޭރިޔާގެ އަރިމަތިން އޭރިޔާގެ ތެރެއަށްވަދެ ދެޑިފެންޑަރުން ކައިރީގައި ވިއްދާފައި ވަނިކޮށް އެމްބައްޕޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ބޯޅަ ގޯލަށް ވަނީ ޕޮލެންޑުގެ ކީޕަރު ސެޒްނީ އަތުގައި ޖެހިފައެވެ.
ޕޮލެންޑުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ.
މިރޭ ކާމިޔާބު ކުރި ދެލަނޑާއެކު އެމްބައްޕޭ މިވަނީ އުމުރުން 24 އަހަރު ވުމުގެ ކުރިން ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 8 ލަނޑު ޖަހައިގެން ބްރެޒިލްގެ މަޝްހޫރު ޕެލޭ ހެދި ރެކޯޑް މުގުރާލާފައެވެ. މިރޭ ކާމިޔާބު ކުރި ދެލަނޑާއެކު ވަރލްޑް ކަޕުގައި އެމްބައްޕޭ ކާމިޔާބު ކުރި ލަނޑުގެ އަދަދު ނުވަޔަކަށް އެރީއެވެ. 2018 ވަނަ އަހަރު ފްރާންސުން ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު އެމްބައްޕޭ ވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ.
ކުއާޓާފައިނަލުގައި އެމްބައްޕޭ ވާދަކުރަންޖެހޭނީ މިރޭ އިންގްލެންޑާއި ސެނަގާލް ވާދަކުރާ މެޗުން މޮޅުވާ ގައުމަކާއެވެ.