އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރަމުންދާ ސިފައިންނަށް، "ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ" އާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ އެއްދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ޖެންޑަރ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޑިސެންބަރު 4 ވަނަ ދުވަހު ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި އެވެއަރނަސް ސެޝަނުގައި، ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރައަކީ ކޮބައިކަމާއި، ޖިންސީ ފުރައްސާރައަކަށް އަމަލުތައް ބަދަލުވެގެންދަނީ ކިހިނެއް ކަން ބުނެދީފައިވެއެވެ. އޭގެއިތުރުން ޖިންސީ ފުރައްސާރަ ރިޕޯޓް ކުރާނެ ގޮތްތަކާއި، މިކަމާ ބެހޭގޮތުން ތަންފީޒު ކުރެވިފައިވާ ޤާނޫންތަކާއި، ވަޒީފާ ދޭ ތަންތަނުގައި މިކަމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ އޮންނަ ކޮމިޓީގެ ދައުރު ވެސް ވަނިު ބުނެދީފައެވެ.

އެޗްއާރުސީއެމްގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދިން އެ ސެޝަނުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެޑްމިން އެންޑް ޕަރސަނަލް އޮފިސަރ، މޭޖަރ ޢަބްދުﷲ ޝަނީޒާއި އެ އޭރިއާ ކޮމާންޑުގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އަޙްމަދު އިމްތިޔާޒްއާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.