ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއިން ހޯދާފައިވާ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިީމް މުހައްމަދު ސާލިހް ތަޢުރީފްކުރައްވައިފިއެވެ. އެމަނިކުފާނު އެކަމަށް ތައުރީފްކުރައްވާފައިވަނީ ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ލިޔުއްވި ބަޔާނުގައެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާ ލިޔުއްވި ބަޔާނުގައި، ރައީސް ވަނީ ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.