ހުޅުމާލޭގައި ހުންނަަ ހުރަވީސްކޫލުގެ ދަރިވަރުންތަކެއް ސްޓެލްކޯގެ މައި އޮފީހަށް ޒިޔާރަތް ކޮށްފިއެވެ. އެ ކުދީން ސްޓެލްކޯގެ ހެޑު އޮފީހަށް ޒިޔާރަތްކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ޒިޔާރަތުގައި އެ ސްކޫލުގެ 231 ދަރިވަރަކު ބައިވެރިވިއެވެ.

މި ޒިޔާރަތުގައި އެކުންފުނީން ވަނީ މާލޭގައި ހިންގާ އިންޖީނުގެ އެ ކުދިންނަށް ދައްކާލައިފައެވެ. އޭގެ އިތުރުން އެ ކުންފުންޏާ ބެހޭ އިތުރު މައުލޫމާތު ވެސް އެކުދިންނަށް ވަނީ ދީފައެވެ. "ހުޅުމާލޭ ހުރަވީ ސުކޫލްގެ 231 ދަރިވަރަކު އާދީއްތަ ދުވަހު މިކުންފުނީގެ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި، އެ ދަރިވަރުންނަށް ވަނީ ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރުން، ކުންފުންޏާއި ބެހޭ މައުލޫމާތުތައް ފޯރުކޮށްދެވިފައި،" ސްޓެލްކޯއިން ބުނެފައެވެ.

ސްޓެލްކޯއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިފަދަ ކަންކަމަށް ވެސް ފާހަގަކޮށްލެވޭ ކުންފުންޏެވެ. އިޖުތިމާއީ ކަންކަމަށް އިސްކަން ދިނުމާއި ކިޔަވާ ކުދިންނަށް ތަނާ ބެހޭ މިފަދަ މައުލޫމާތު ދިނުމަކީ އެކުންފުނީން ކުރަމުން އަންނަ ކަމެވެ. ސްޓެލްކޯއަކީ މިހާރުވެސް އެއްވެސް ތަފާތުކުރުމެއްނެތި ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ތަނަވަސް ކޮށްދެމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ހިމެނެއެވެ. ސްކޫލް ކުދިންނަށް މިފަދަ ފުރުސަތު ދިނުމުން އެކުންފުންޏާމެދު ޝައުގުވެރިވެ ތައުލީމީ ހަޔާތަށްފަހު ވަޒީފާ ހޯދުމުގައި ވެސް ފަސޭހަތަކެއް ލިބުމުގެ ފުރުސަތު އޮންނާނެެއެވެ.