ޗައިނާގެ ރައީސް ޝީ ޖިންޕިން މިހަފްތާގެ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީ އެމެރިކާއާއި ސައޫދީގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ދަނޑިވަޅެއްގައި އޮންނަ ދަތުރުފުޅެކެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި ޝީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ކުރައްވާ ދަތުރުގައި ޗައިނާ އާއި އެކު ބާއްވާ އަރަބި ވެރިންގެ ސަމިޓެއްގައި އަރަބި ގައުމުތަކުގެ 14 ވެރިޔަކު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާ އާއި ގަލްފުގެ ގައުމުތަކުގެ ޖަމުއިއްޔާގެ ކޮންފަރެންސެއް ވެސް އޮންނާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ މެދުއިރުމަތީގެ އެންމެ ބޮޑު އެކުވެރި ގައުމު ސައޫދީއަށް ޗައިނާގެ ރައިސް ވަޑައިގަންނަވާނެ ކަމަށް ބުނާ އަޑުތައް ފެތުރެމުން އަންނަތާ މަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް އެކަން އަދިވެސް ސައުދީ އަރަބިއްޔާ އާއި ޗައިނާގެ ސަރުކާރުތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިދިޔަ ހަފްތާގައި ސައުދީ ސަރުކާރުން ވަނީ ސަމިޓް ކަވަރު ކުރުމަށް ނޫސްވެރިންނަށް ރަޖިސްޓްރޭޝަން ފޯމް ފޮނުވާފައެވެ ނަމަވެސް ސީދާ ތާރީހުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޝީގެ ދަތުރުފުޅާއި ގުޅިގެން ރާވާފައިވާ ސަމިޓްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ސީއެންއެން އިން އެދުމުން ސައުދީ ސަރުކާރުން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.
އެމެރިކާ އާއި ސައުދީ އަރަބިއްޔާ އަދިވެސް އޮތީ ތެޔޮ އުފެއްދުމާ ގުޅޭ ހޫނު ދެ ބަސްވުމެއްގެ ތެރޭގައެވެ. އޮކްޓޯބަރު މަހު ސައުދީ އިސްވެ އޮވެ ތެލުގެ ކާޓޭލް އޯޕެކް+ 1އިން ބާޒާރުގެ އަގުތައް ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތުގައި ދުވާލަކު ދެ މިލިއަން ފީފާ މަދުން އުފެއްދުމަށް ނިންމުމުގެ ވާހަކަތަކާ ގުޅިގެން އެމެރިކާއާއެކު ދެބަސްވުމެއް އުފެދުނެވެ.
ތިޔަ ނޫހުން ފާހަގަ ކުރެވުނު ކަމެއް އެބައޮތް. އެއީ ބޭރުގެ ޚަބަރުތައް ރަނގަޅު. އަދިވެސް ގަދަކޮއްލަން ފެނޭ. ހަބޭސް އެޑިޓަރ