ވެލާނާގޭ ގައި ހުންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓް ޝޮޕުން ހެދުނު 8:00 އިން ރޭގަނޑު 10:00 އަށް ޕޯސްޓްގެ ޚިދުމަތް މިހާރު ލިބޭނޭ ކަމަށް ޕޯސްޓު އޮފީހުން ވިދާޅުވެއްޖެއެވެ. ޕޯސްޓު އޮފީހުން ވިދާޅުވީ އެގޮތަށް ހަމަޖެއްސެވީ މަސައްކަތު ގަޑިތަކުގައި ޕޯސްޓުގެ ޚިދުމަތް ހޯދުމަށް އެކި ސަބަބުތަކާހުރެ ޕޯސްޓަށް ޒިޔާރަތް ނުކުރެވޭ ކަސްޓަމަރުންނަށް ފުރުސަތު ތަނަވަސްކޮށްދިިުމަށް ކަމަށެވެ.
އެތަނުން ލިބޭ ޚިދުމަތްތަކުގެތެރޭގައި އިންޓަރނޭޝަނަލް ރެޖިސްޓާރޑް، އޯޑިނަރީ އަދި އީއެމްއެސްގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ޑޮމެސްޓިކް މެއިލްގެ ޚިދުމަތް ވެސް ހިމެނޭ ކަމަށް ޕޯސްޓުއޮފީހުން ވިދާޅުވިއެވެ. އެކްސްޕްރެސް މެއިލް ގެ ޚިދުމަތް ނުވަތަ އީއެމްއެސް އަކީ ރާއްޖެއިން ބޭރަށް ޕެކޭޖްތައް ޕޯސްޓް ކުރުމަށް އިތުބާރު ކުރެވޭ، އަވަސް އަދި ޚަރަދު ކުޑަ ޕޯސްޓަލް ޚިދުމަތެކެވެ.
އީއެމްއެސް ޕޯސްޓުގެ މަންޒިލްތަކުގެ ތެރޭގައި އެމެރިކާ، ނޭޕާލް މެލޭޝިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަޕާން، ސިންގަޕޫރު، ޔޫއޭއީ، އިންޑިއާ އަދި ޗައިނާ ވެސް ހިމެނެއެވެ. އީއެމްއެސް މެދުވެރިކޮށް ފޮނުވާ އައިޓަމްތައް ރަސްމީ ތިނެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ފޮނުވޭނޭ ކަމަށް ވެސް ޕޯސްޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މި ޚިދުމަތް ހޯދާފަރާތްތަކަށް ޓްރެކިންގެ ޒަރިއްޔާއިން އައިޓަމްގެ އަޕްޑޭޓް ބަލާލެވޭނެއެވެ.
މިފަދައިން ޕޯސްޓު ކުރާ ތަކެތި ހުންނަންވާނީ ޕެކިން ސްޓޭންޑަޑާއި އެއްގޮތަށް ރަނގަޅަށް ޕެކްކުރެއްވުމަށް ޕޯސްޓު ލިމިޓެޑުން އިލްތިމާސް ކުރައްވާފައި ވެއެވެ. ޕޯސްޓު ކުރެވޭ ތަކެތީގެތެރޭގައި ހިމެނޭ ކާބޯތަކެތީގެ ކޮންމެ ބާވަތެއްވެސް ރަނގަޅަށް ޕެކްކޮށްފައި ހުންނައިރު، އެޕެކޭޖިންގައި ހިމެނޭ އިންގްރިޑިއަންޓް ލިސްޓު ފާހަގަކުރުމަށްވެސް ޕޯސްޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އީއެމްއެސްގެ އަދި ޑޮމެސްޓިކް މެއިލް މެދުވެރިކޮށް ޕޯސްޓު ކުރަން ބޭނުންވާ ތަކެއްޗަށް އަރާނެ ޕޯސްޓެޖް ފީ ޔަގީންކޮށްލުމަށް ޕޯސްޓް ވެބްސައިޓްގައިވާ ޕޯސްޓޭޖް ކެލްކިއުލޭޓަރު މެދުވެރިކޮށް ޕޯސްޓެޖް ފީ ގުނާލެވޭނެއެވެ. އަދި އީއެމްއެސް މެދުވެރިކޮށް ތަކެތި ޕޯސްޓު ކުރެވޭނެ ގައުމުތަކުގެ މަޢުލޫމާތުވެސް މޯލްޑިވްސް ޕޯސްޓް ވެބްސައިޓުން ލިބެން ހުން ނާނެއެވެ.
ފަސޭހަކަމާއިއެކު ޕޯސްޓް ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް، ޕޯސްޓުގެ ފޭސްބުކް ޕޭޖާއި، ޕޯސްޓުގެ ކޯލް ސެންޓަރާއި، އީމެއިލް ގެ އިތުރުން މޯލްޑިވްސް ޕޯސްޓުގެ ވެބް ސައިޓް މެދުވެރިކޮށް މަޢުލޫމާތު ހޯދާލެވެން ހުންނާނެެއެވެ.