2010 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ޗެމްޕިއަން ސްޕެއިން ޕެނަލްޓީ ޝޫޓް އައުޓުގައި 3-0 އިން ބަލިކޮށް އަރަބި އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ވަރލްޑް ކަޕުގެ ކުއާޓާފައިނަލުން ޖާގަ ހޯދި ފުރަތަމަ ގައުމުގެ ޝަރަފް މިރޭ މޮރޮކޯއިން ހޯދައިފިއެވެ.
ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފްވެސް އެއްވަރުވުމުން (ލަނޑެއް ނުޖެހި) މޮރޮކޯއިން ކުރި ހޯދީ ޕެނަލްޓީ ޝޫޓްއައުޓުގައި ތަފާތު ދައްކައިގެންނެވެ. މޮރޮކޯގެ ތަރިޔަކަށްވީ ސްޕެއިނުން ފޮނުވާލި ތިން ޕެނަލްޓީގެ ތެރެއިން ދެޕަނަލްޓީ މަތަކުރި ކީޕަރު ޔާސިން ބޯނޯއެވެ. ސްޕެއިނުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ސޮލާ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދެން ޕެނަލްޓީ ޖެހީ ސަރަބިއާ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓެވެ. މިދެޕަނަލްޓީވެސް ހުށިޔާރުކަމާއެކު ޔާސީން ވަނީ މަތަކޮށްފައެވެ.
މޮރޮކޯއިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ބެނޫން ޖެހި ޕެނަލްޓީ އެކަންޏެވެ. މޮރޮކޯ ތިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޒިޔެޗާއި ސަބީރީ އަދި ހަކީމީއެވެ.
އެފްރިކާ ބައްރަށް ނިސްބަތްވާ، 36 މިލިޔަން މީހުން ދިރިއުޅޭ މޮރޮކޯ އާބާދީގެ %96.6 އަކީ މުސްލިމުންނެވެ. މީގެ ތެރެއިން ސުއްނީ މުސްލިމުންގެ އިއްސައްތައަކީ %99.23 އެވެ. މޮރޮކޯ އާބާދީގެ 66 އިންސައްތައަކީ އަރަބިންނެވެ.
ވަރލްޑް ކަޕުގެ ތާރިހުގައި މޮރޮކޯއިން އެންމެފަހުން ގަދަ ސޯޅައިގެ ބުރަށް ދަތުރުކުރީ 1986 ގެ ވަރލްޑް ކަޕުގައެވެ. އެފަހަރު ހުޅަނގު ޖަރުމަނު އަތުން 1-0 އިން ބަލިވެ މޮރޮކޯ ކެޓީއެވެ. އެހެންކަމުން މިރޭ ސްޕެއިން އަތުން ހޯދި މޮޅަކީ އެގައުމަށް ތާރިހީ މޮޅެކެވެ.
ކުއާޓާފައިނަލުން މިރޭ ޖާގަ ހޯދުމާއެކު މޮރޮކޯ ވެފައި މިވަނީ އެފްރިކާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ވަރލްޑް ކަޕުގެ ތާރިހުގައި ކުއާޓާފައިނަލުން ޖާގަ ހޯދި 4 ވަނަ ގައުމަށެވެ. މީގެ ކުރިން ކުއާޓާއަށް ދަތުރު ކުރި އެފްރިކާ ގައުމުތަކަކީ ކެމަރޫން، ސެނަގާލް އަދި ގާނާއެވެ.