ހިޔާ މަޝްރޫޢުގެ ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހިނގާ ޑިސެމްބަރު ނިމުމުގެ ކުރިން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލެޓު ކޮމިޓީއިން ބުނެފިއެވެ.

ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޓިގެ މެމްބަރަކު ވިދާޅުވީ، މިހާރު އިއުލާން ނުކުރެވި ބާކީ އޮތީ އެންމެ ކެޓަގަރީއެއް ކަމަށާއި އެއީ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ ކަމަށެވެ.

" މިފެށޭ ހަފްތާގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓް އިއުލާން ކުރެވޭނެ ކަމަށް މިބަލަނީ. މިހާރު ކޮމިޓީއިން މައިގަނޑު ގޮތެއްގައި މިކުރަނީ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް. މިމަސައްކަތްކުރަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ދާއިމީ ލިސްޓް ފައިނަލް ކުރެވޭތޯ"

މިހާރު ވަގުތީ ލިސްޓް އިއުލާންކުރެވިފައިވާ ކެޓަގަރީތަކަކީ 24 އޯގަސްޓް 2020 ގައި އިއުލާންކުރި 4 ކެޓަގަރީ ކަމުގައިވާ، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ އެވެ. މީގެއިތުރުން 20 ސެޕްޓެމްބަރުގައި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ ލިސްޓް އިއުލާން ކޮށްފައިވާއިރު އޭގެފަހުން ވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ އިއުލާންކޮށްފައެވެ.

ހިޔާ މަޝްރޫޢުގެ ފުލެޓުތަކަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ސަރުކާރުގައި ހަދަންފެށި ފުލެޓް ތަކެކެވެ. އެސަރުކާރު ނިމުމުގެ ކުރިންވަނީ ފުލެޓު ލިބޭނެ ފަރާތްތައް ކަޑައަޅައި ލިޔުންވެސް ހަވާލުކޮށްފައެވެ. އާ ސަރުކާރު އައިސް ފުލެޓު ކޮމިޓީއެއް އުފައްދާ، ކުރިން ފުލެޓު ދީފައިހުރިގޮތް ބަލައި އަލުން ފުލެޓު ދިނުމުގެ މަސައްކަތް ކުރަންފެށިއިރު އާ ސަރުކާރުން މިމަސައްކަތްކުރަމުންދާ ގޮތާމެދުވެސް ބައެއް ފަރާތްތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.