އަމިއްލައަށް މަރުވާން އުޅުމާގުޅޭ ތޭރަ މައްސަލައެއް މިއަހަރު އޮކްޓޯބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމައްސަލަތައް ހުށަހެޅުމުން އެކަންކަން ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައިފައިވާ އެމިނިސްޓްރީން ވިދާޅުވިއެވެ.

އެ އެމަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމްލަ 208 މައްސަލަވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 22 މައްސަލައެއްވެސް ހިމެނެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެކެވެ.

އޭގެ އިތުރުން ކުޑަކުދިންގެ އަޚުލާގާ ބެހޭ 17 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 6 މައްސަލައާއި، ރުޅި އިސްކުރުމައި ރުޅިގަދަވުމުގެ 4 މައްސަލައާއި، ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލައާއި، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 2 މައްސަލަ ހިމެނެއެވެ. އޭގެ އިތުރުން ސްލޫކީ މައްސަލައަކާއި، ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ 1 މައްސަލަ ވެސް ހިމެނެއެވެ.