އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ އަންހެން ކޮއްކޮއަށްވެސް އޭނާގެ ވެރިކަން ކަމުނުގޮސްގެން ފާޑު ވިދާޅުވެއްޖެއެވެ. މުޅި އީރާންގައި މުޒާހަރާތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކުށްވެރިކޮށް، އޭނާ ވަނީ މީހުން ބިރު ގަންނަވާ ރިވޮލިއުޝަނަރީ ގާޑުންގެ ހަތިޔާރު ބެހެއްޓުމަށް ގޮވާލައްވާފަ އެވެ.

އީރާންގެ އަޚުލާގީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަނިޔާ ކޮށް ސެޕްޓެމްބަރު 16 ވަނަ ދުވަހު މަރާލާފައިވާ މަހުސާ އަމީނީގެ މަރަށް ފަހު އީރާންގައި ޒުވާނުން ދަނީ އުތުރި އަރަމުންނެވެ. އަމީނީއަކީ 22 އަހަރުގެ ކުރުދީ ދަރިކޮޅޫގެ އަންހެނެކެވެ.

އީރާނުގެ ރޫހާލީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ކޮއްކޮ ބަދުރީ ހުސެއިނީ ޚާމަނާއީ ވަނީ އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ މަރުހޫމް އާޔަތުالله ރުހުالله ޚުމޭނީގެ ޒަމާނުން ފެށިގެން އޭނާގެ ބޭބެގެ ވެރިކަމާ ހަމައަށް ހުރިހައި ދީނީ މުއައްސަސާއަށް ފާޑުވިދާޅުވެފަ އެވެ. "އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުގެ ބޭބެގެ އަމަލުތަކާ ދެކޮޅު ކަމަށް އިއުލާން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އިސްލާމީ ޖުމްހޫރިއްޔާގެ ޖަރީމާތަކާ މެދު ހިތާމަކުރާ ހުރިހާ މައިންނަށް ހަމްދަރުދީ ފާޅުކުރަން. ޚުމޭނީގެ ޒަމާނުން ފެށިގެން އަލީ ޚާމަނާއީގެ ޚުދު މުޚުތާރު ޚިލާފަތުގެ މިހާރުގެ ޒަމާނާ ހަމައަށް ހުރިހައި ކަމެއް ކުށްވެރިކުރަން." އޭނާ ލިޔުއްވާފައިވާ ސިޓީ ބުދަ ދުވަހު އޭނާގެ ދަރިފުޅު މަހްމޫދު މޮރްދުޚާނީގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވެއެވެ.

ބަދްރީގެ ދަރިފުޅު ފަރީދާ މޮރްދުޚާނީއަކީވެސް އެކްޓިވިސްޓެކެވެ. އޭނާ ވަޏީ ނޮވެމްބަރު މަހު ހައްޔަރކޮށްފައެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ ތެހެރާން ޔުނިވަރސިޓީގައި ކިޔަވާ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ތަގްރީރެއް ދެއްވިއިރު ހޯޅުން ބޭރުގައި ތިބެގެން ކުދިން ވަނީ ޚިޔާނާތްތެރިއެއް ކަމަށް ބުނެ ހަޅޭއްލަވާފައެވެ. މިފަދަ ކަންކަމަކީ އީރާންގައި ކުރިން ފެނިފައިވާ ކަންކަމެއް ނޫނެވެ. އަދި މުއްލާއިންނަށް ފާޑު ކިޔުމާއި އެމީހުންގެ ފަގުޑި ޖަހައިގަތުން ފަދަ އަގަލު ކުޑަ ކަންކަމަކީ މިހާރު އީރާންގައި އާންމު ކަންކަމެވެ.