ކުޑަކުދިންނަށް ޖިންސީގޯނާކޮގެން 22 މައްސަލައެއް މިއަހަރުގެ އޮކްޓޯބަރުމަހުގައި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ މަހު އެ މިނިސްޓްރީއަށް ޖުމްލަ 208 މައްސަލަ ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރެއިން 79 މައްސަލައަކީ ކުޑަކުދިންނަށް އިހުމާލުވުން ނުވަތަ އެކިބާވަތުގެ އަނިޔާއާ ގުޅުންހުރި މައްސަލަތައް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރެއިން އެންމަގިނައިން ހުށަހަޅާފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި އިހުމާލުވުމު މައްސަލަތަކެވެ. އިހުމާލުވުމުގެ 23 މައްސަލައެއް ޖެންޑަރ އަށް ރިޕޯޓުކުރި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ޖިސްމާނީ ހާނިކައިގެ 12 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 11 މައްސަލައެއްވެސް އެމަހު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 5 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ ހުށަހެޅި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ބްލެކްމެއިލް ކުރުމުގެ 1 މައްސަލައާއި،އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ވެސް ހިމެނެއެވެ.

ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަ ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. މިއީ ޖީލެއް ނުވަތަ ޖީލުތަކެއް ހަލާކުގެތެރެއަށް ވެއްޓިގެން ދިއުންކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އާންމުކޮށް މިފަދަ މައްސަލަތައް ކުދިންނަށް ދިމާވަނީ އާއިލާތައް ރޫޅުމުގެ ސަބަބުން ދެން އުޅެންޖެހޭ ގޮތާއި މާހައުލުގެ ސަބަބުންނެވެ.