ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން އެމެރިކާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްލޭނެއް އެކަށައަޅައި، ޖޯ ބައިޑެން އެ ޕްލޭން އިއުލާން ކުރައްވައިފިއެވެ.

100 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ އިތުރުން، ސްކޫލްތައް އަލުން ހުޅުވުމާއި، މާސްކް އެޅުމާ ގުޅޭގޮތުން މިހާރު އަމަލުކުރާ އުސޫލުތައް އިތުރަށް ވަރުގަދަ ކުރައްވަންވެސް ބައިޑެންގެ ޕްލޭންގައި ވެއެވެ.

ބައިޑެން އަންގާރަދުވަހުވަނީ އޭނާގެ ސަރުކާރުގެ ޕަބްލިކް ހެލްތު ޓީމުވެސް އިއުލާން ކުރައްވާފައެވެ. އަދި ހެލްތު މިނިސްޓަރުގެ މަގާމަށް ލެޓިނޯ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ އަދި ކެލިފޯނިއާގެ މިހާރުގެ އެޓަރނީ ޖެނެރަލް ޒޭވިއަރ ބަސޭރާވަނީ ކަނޑައަޅުއްވާފައެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

ބައިޑެން ނިސްބަތްވާ ޑެލަވެއަރގެ ވިލްމިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑެންވަނީ، އެމެރިކާގެ ހުރިހާ ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ މުޅި ބަޖެޓް ކޮންގްރެސްއިން ހަމަޖައްސައިދޭން ބޭނުންފުޅުވާ ކަމަށެވެ.

ބައިޑެން ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ، ސްކޫލްތަކުގެ ދަރިވަރުން އެނބުރި ސްކޫލަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ.

އޭނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެމެރިކާ މިހާރު ތަހައްމަލް ކުރަމުންދާ ބަލީގެ ހާލަތު އެހެން މިސްރާބަކަށް ބަދަލުކުރެވޭނެ ކަމަށާއި، އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ސިޔާސީގޮތުން ކޮންމެ ވިސްނުމެއްގެ މީހަކު ކަމުގައިވިޔަސް، އޭނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ތައްޔާރުވުމަށް ބައިޑެންވަނީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ އެމެރިކާގައި ކަމަށްވާއިރު، އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 283،000 އަށްވުރެ މައްޗަށް ގޮސްފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު 15 މިލިއަނަށްވުރެ މަތިވެފައި ވެއެވެ.

އެމެރިކާގެ ސިޔާސީ މައިދާނާއި، ސިއްހީ ދާއިރާގެ ގިނަމީހުން ގަބޫލުކުރަނީ، އެމެރިކާގައި ބަލީގެ ހާލަތު މިހާ ގޯސްވެގެން ދިޔައީ، ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުތަކުގެ ދޯދިޔާކަމުގެ ސަބަބުން ކަމަށެވެ.

ކޮވިޑް ބައްޔަކީ ސީރިއަސް ބައްޔެއް ކަމަށް ޓްރަމްޕް ގަބޫލު ނުކުރެއްވުމާއި، އެމެރިކާ ލޮކްޑައުން ކުރުމާއި، އާންމުން މާސްކްއަޅަން ޓްރަމްޕް ތާއީދު ނުކުރެއްވުމުގެ ސަބަބުން އޭނާގެ ބަހަށް އާންމުންވެސް ބައްޔަށް ސީރިއަސްކަމެއް ނުދިމުގެ ސަބަބުން ކޮވިޑްބަލި އެމެރިކާގައި މިހާރުވެސްދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.