އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ އިސްމިކް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑް ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އެ ފައިސާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ފައިސާ ދައްކަންޖެހޭނީ އޮންލައިކޮށްނެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް ކުރަންވާނެއެވެ. މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ބީލަން ކުރިއަށްގެންދާނީ މިފަދަ ކަންކަމަށް ކަނޑައަޅާފައިވާ ގަވާއިދާއި އެންމެހާ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ދެލައްކަ ތިރީސް ފަސްހާސް ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ބިޑުތައް ހުޅުވުން އޮންނާނީ 22 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ 11:00:00 ގައި ފިނޭންސް މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.