އެމެރިކާގެ ފައިޒަރ އަދި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން، ބޭނުންކުރުމުގެ ހުއްދަ ކެނެޑާއިންވެސް ދީފިއެވެ.

ކެނެޑާ ވެގެންމިދިޔައީ، ފައިޒަރގެ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރަސްމީގޮތުން ދިން ދެވަނަ ގައުމަށެވެ.

އެންމެ ފުރަތަމަ މި ހުއްދަ ދިނީ އިނގިރޭސިވިލާތުންނެވެ.

ފައިޒަރ ކުންފުނީގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ، މިބާވަތުގެ އެންމެފަހު ނިންމުން ނިންމާ ހެލްތު ކެނެޑާއިންނެވެ.

މިކަމުގެ ސަބަބުން، ފައިޒަރގެ ކޮވިޑް ވެކްސިން ކެނެޑާގެ ހުރިހާ ހިސާބެއްގައި ބޭނުންކުރުމުގެ ހުއްދަ ރަސްމީގޮތުން ލިބިގެންދިޔައީއެވެ.

އެހެން ނަމަވެސް، މިހުއްދަ ދީފައިވަނީ އިމަޖެންސީ ބޭނުންތަކުގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެކަށައެޅި ވަގުތީ ނިޒާމެއްގެ ތެރެއިންނެވެ.

ފައިޒަރގެ ކޮވިޑް ވެކްސިން އާންމުންނަށް ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުން އަންގާރަ ދުވަހުން ފެށިގެންވަނީ ފަށާފައެވެ.

އިނގިރޭސިވިލާތުން ވެކްސިން ދޭން ފަށާފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށާއި، ނާރސިންގ ހޯމްތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ކެނެޑާއިން ދިންއިރު، ފުރަތަމަ ވެކްސިން ދޭނީ ކޮން ބަޔަކަށް ކަމެއް ކެނެޑާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ބޭހާއި ވެކްސިން އުފައްދާ ކުންފުނިތަކުން ކޮވިޑަށް ވެކްސިންތައް އުފައްދައި، ޓެސްޓުތައްކޮށް އިމަޖެންސީ ބޭނުންތަކަށް ގައުމުތަކަށް ފޯރުކޮށްދޭން ފަށާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގައުމުތަކަށް ގޮވާލާފައިވަނީ، ގައުމުތަކުގެ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ބަދަލުގައި އެންމެ ފުރަތަމަ ހައިރިސްކް މީހުންނަށް ދިނުމަށެވެ.