މިއަހަރުގެ ނޮވެންބަރު މަހު މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %20.4 އިތުރު އަދަދެކެވެ. އަދި ނޮވެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %43.7 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަށް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕަރޗަރ ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އަދި، އޮކްޓޫބަރު 2021 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.2% އިތުރުވުމުގެ ސަބަބުން، ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުމަކީވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެއް ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި، މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ނޮވެންބަރު 2021 ގައި ލިބިފައެއް ނުވެއެވެ.
ނޮވެންބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %52.3 ނުވަތަ 787.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ %15.3 ނުވަތަ 230.35 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 145.34 މިލިއަން ރުފިޔާ (%9.6)، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ (%5.1)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ (%4.9) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ (%12.9) ލިބިފައިވެއެވެ.
ނޮވެންބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.