މި ސަރުކާރުން ދަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއެކު ޑީލް ހަދައިގެން ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނަށް އަނިޔާކުރަމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޙަގީގީ ބައިވެރިން ކަމުގައިވާ އަދީބާއި ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މަސްއަލަތައް އުފަން ކުރުވާ ގަސްދުގައި ރައީސް ޔާމީނަށް އަނިޔާކުރަމުން ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވާއިރު

މިފަދައިން ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ވަނީ ގެއަށް ބަދަލު ކޮށްފައެވެ. އަދި އޭގެ އިތުރަށް މި މައްސަލާގައި އުފުލި ހުރިހާ ދައުވާއަކަށް އިއުތިރާފުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޒިޔަތުވެސް ހުންނަވަނީ ގޭގައެވެ.

މީގެ އިތުރުން އިއްޔެ ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގަތުމުން އާ ޝަރުޠެއް ކުރިމަތިކޮށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.