ވަރލްޑް ކަޕް ކުއާޓާފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ވަރުގަދަ ބްރެޒިލް ބަލިކޮށް އެންމެފަހުގެ ރަނައަޕް ކްރޭޝިޔާ މިރޭ ފަހްރުވެރިކަމާއެކު ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ހާފް ފަށައިގެން ފުރަތަމަ ފަނަރަ ވަރަކަށް މިނެޓް ރަނގަޅަށް ކުޅުނީ ކްރޭޝިޔާއެވެ. މީގެ ތެރެއިން 7 ވަނަ މިނެޓުގައި ބްރެޒިލްގެ އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅައެއް ކްރޭޝިޔާގެ ފޯވާޑް އިވާން ޕެރިސިޗަށް ރަނގަޅަށް ގޯލަށް އަމާޒު ކޮށްލެވޭ ގޮތެއް ނުވިއެވެ. އެކަމަކު ބްރެޒިލުން ފަހުން ވަނީ ގޭމްގެ ތެރެއަށްވަދެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލްގެ ނޭމާ އާއި ވިނީޝިއަސްއަށެވެ. މިދެހަމަލާގެ ހުުރަހަކަށްވީވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރޭޝިޔާގެ ކީޕަރު ލިވަކޮވިޗެވެ.
ދެވަނަ ހާފުގައި ބްރެޒިލުން ގޭމް ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ބްރެޒިލުން ކުޅެން ރާވާފައިވާ ގޮތް ދެނެގަނެ ކްރޭޝިޔާގެ ތަޖުރިބާކާރު ކޯޗް ލަޓްކޯ ޑަލިޗް ވަނީ އަރިމަތިން ދެފަރާތް ވަރުގަދަކޮށް މެދުތެރެއިން ނޭމާ މެދުވެރިކޮށް އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ.
ދެވަނަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލް ޕަކުއެޓާއަށެވެ. ގޯލާ ވަރަށް ކައިރީގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ކްރޭޝިޔާގެ ކީޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓުގެ ދެހާފެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިދެހާފުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބްރެޒިލުންނެވެ. މިލަނޑު 105 ވަނަ މިނެޓުގައި ނޭމާ ކާމިޔާބު ކުރީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ކްރޭޝިޔާއިން އެއްވަރު ކުރީ އިތުރު ވަގުތުގެ ދެވަނަ ހާފް ނިމެން 3 މިނެޓަށްވެފައި ވަނިކޮށް ބްރޫނޯ ޕެޓްކޮވިޗް ކާމިޔާބު ކުރި ލަނޑުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގެ ތަފްސީލް:
ސެމީފައިނަލުގައި ކްރޭޝިޔާ ބައްދަލު ކުރަން ޖެހޭނީ ކުއާޓާގައި މިރޭ ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުން މޮޅުވާ ގައުމަކާއެވެ.