އެއްރަތްކާޑާއި 14 ރީނދޫ ކާޑް ފެނިގެންދިޔަ ފޯރިގަދަ ކުއާޓާފައިނަލް މެޗް ޕެނަލްޓީ ޖަހައިގެން 4-3 އިން ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ރޭ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ހާފުގައި މެސީގެ މޮޅު ޕާހަކަުން މިނޯލާ އަދި 73 ވަނަ މިނެޓުގައި މެސީ ކާމިޔާބު ކުރި ޕެނަލްޓީއަކުން މެޗުގެ 82 ވަނަ މިނެޓާއި ހަމައަށް 2-0 އިން އާޖެންޓީނާއިން ލީޑް ކުރަމުން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލު ވެގެންދިޔައީ ވޫޓް ވެގްހޯސްޓް 83 ވަނަ މިނެޓާއި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ދެލަނޑުން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ތިރިން ޕާސް ޖަހައިގެން އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާ ނުލެވުމުން ނެދަލޭންޑްސް ކޯޗް ލުއީ ވެންހާލް އޭނާގެ ޓެކްޓިކްސް ބަދަލުކޮށް "ލޯންގް ބޯލްސް" ކުޅެން ފެށީ އިސްކޮޅުން ދިގު ދެފޯވާޑުން ކަމުގައިވާ ވެގްހޯސްޓާއި ލޫކް ޑިޔޮންގ ކުޅެން އަރުވައިގެންނެވެ.
ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންވެސް ހިނގިއެވެ. ނެދަލޭންޑްސް ބެންޗުގައި ތިބި ބައެއް ކުޅުންތެރިންވެސް ދަނޑަށް އަރައި ހަމަ ނުޖެހުން ހިންގިއެވެ.
މެޗުގެ އުސްއަލިތައް:
ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އާޖެންޓީނާގެ ބަތަލަކަށްވީ ކީޕަރު އެމީ މާޓިނޭޒްއެވެ. ނެދަލޭންޑްސްގެ ކެޕްޓަން ވެންޑައިކާއި ސްޓީވެން ބާގްހުއިސް ފޮނުވާލި ޕެނަލްޓީ މާޓިނޭޒް ދިފާއު ކުރީއެވެ. އާޖެންޓީނާ ކުޅުންތެރިންގެ ތެރެއިން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އެންޒޯ ފެނާންޑޭޒްއަށް އެކަންޏެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ޖެހީ މެސީއެވެ. ދެވަނަ ޕެނަލްޓީ ޕެރެޑެސް ޖެހިއިރު ތިންވަނަ ޕެނަލްޓީ ޖެހީ ގޮންޒާލޯ މޮންޓިއެލްއެވެ. އެންޒޯ ޖެހީ ހަތަރުވަނަ ޕެނަލްޓީއެވެ. ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް އާޖެންޓީނާ ސެމީއަށް ގެންގޮސްދިނީ ފޯވާޑް ލައުރާޓޯ މާޓިނޭޒްއެވެ.
ސެމީގައި އާޖެންޓީނާ ބައްދަލު ކުރަންޖެހޭނީ ރޭ ޕެނަލްޓީ ޖަހައިގެން ބެރެޒިލްގެ މައްޗަށް ކުރި ހޯދި ކްރޮއޭޝިޔާއާއެވެ.