މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް މިއަދު ވައިޓް އެލާޓް ނެރެފިއެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން މެންދުރުފަހު 2:15 އާ ހަމައަށެވެ.

މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީީ ވައިޓް އެލާޓް ނެރެފައިވަނީ އެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެތީއެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް މެޓު އޮފީހުން ލަފާ ކުރައްވާފައިވެއެވެ. އޭގެ އިތުރުން ކަނޑުތައް ވެސް ގަދަވާނޭ ކަމަށް ބުނެފައިވެއެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަ ދުވަސްވަރެކެވެ. ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.